ޚަބަރު

އިންސާނާ ބިނާކުރުމުގެ އަސްލަކީ ޢިލްމު: ޑރ.ޝަހީމް


  • ޢިލްމީ އައު ހޯދުންތަކާއި ދިރާސާތައް ކުރުމަކީ ޔުނިވަސިޓީގެ މަޤްޞަދެއް

  • ޢިލްމީގޮތުން މުޖުތަމަޢު ނުވަތަ އިންސާނިއްޔަތު ބިނާކުރުމަކީ މަތިވެރި ވާޖިބެއްކަން ފާހަަކުރެއްވި

އިންސާނިއްޔަތު ބިނާކުރުމުގައި މެދުވެރިއަކަށްވާ ޢިލްމު، އުނގަންނައިދިނުމުގެ މަތިވެރި ނިޢުމަތް ދެމެހެއްޓުމަކީ ބޮޑު މަސްޢޫލިއްޔަތެއްކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކުރިއަށްގެންދާ 11 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް، އައިސީއައިއޭ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ބައިނަލްއަޤްވާމީ ކޮންފަރެންސެއް ކާމިޔާބުކަމާއެކު ކޮންމެ އަހަރަކުވެސް ބާއްވަމުން ދިއުން ދޭހަކޮށްދެނީ އައިޔޫއެމުން މިކަމަށް އޮތް ރޫޙާއި ޝައުޤުވެރިކަން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޔުނިވަރސިޓީގެ މަޤްޞަދަކީ ހަމައެކަނި ކިޔަވައިދިނުން ނޫންކަމަށާއި މުޖުތަމަޢަށް ޚިދުމަތް ކުރުމާއި ޢިލްމީ އައު ހޯދުންތަކާއި ދިރާސާތައް ކުރުމާއި މިކަންކަން ދެމެހެއްޓެނިވިގޮތަކަށް ކުރިއަށް ގެންދިޔުންކަމަށެވެ. އަދި އެކަންކަން ކުރަމުންދާކަން އައިޔޫއެމްއެމުން ކަށަވަރުކޮށްދެމުން އަންނަކަމަށްވެސް ވިދާޅުވިއެވެ. ވަޒީރުގެ ވާހަކައިގައި ވަނީ ޢިލްމީގޮތުން މުޖުތަމަޢު ނުވަތަ އިންސާނިއްޔަތު ބިނާކުރުމަކީ މަތިވެރި ވާޖިބެއްކަން ފާހަަކުރައްވާފައެވެ.

"ﷲ އައްޒަވަޖަލް އިންސާނާ އުފައްދަވާފައި ބިންމަތީގައި ޚަލީފާވެރިކުރެއްވީކީ އެކަންޏެއް ނޫން. ޚަލީފާވެރި ކުރެއްވީ ޢިލްމުވެރިކަމާއެކު. އަދި ޢިލްމުވެރިކުރެއްވީކީ އެކަންޏެއްވެސް ނޫން. ޢިލްމު ބަޔާން ކުރެއްވުމުގެ މަތިވެރި ނިޢުމަތްވެސް ދެއްވި. އެނގޭމީހުންނާއި ނޭނގޭ މީހުންގެ ތަފާތު. އަދި ޢިލްމަކީ ނަބީބޭކަލުންގެ ތަރިކަ ކަމުގައި ﷲ އައްޒަވަޖަލް ވަނީ ލައްވާފައި." އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެ ކޮންފަަރެންސަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސްޕޮންސަރދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެއީ އައިޔޫއެމް ރިސަރޗް ސެންޓަރުން ކުރަމުންދާ ބުރަ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުންކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިފަދަ މަސައްކަތަކީ މުޖުތަމަޢުގެ އެއްބަޔަކު އަނެއްބަޔަކު ވާގިވެރިވެގެން އެހީތެރިވެގެން ކުރިއަށްގެންދެވޭނެ މަސައްކަތެއްކަންވެސް ފާހަގަކުރައްވާފައެވެ.

އައިޔޫއެމްގެ ކޮންފަރެންސް ކުރިއަށްދަނީ މިއަދުން ފެށިގެން މާދަމާގެ ނިއަލަށެވެ. 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އައިސީއައިއޭ އަކީ ޢިލްމީ މައުލޫމާތު ބަދަލުކުރުމާއި، އިލްމީ ބަހުސްތައް ކުރުމުގެ އިތުރުން ހެކީގެ މައްޗަށް ބިނާކޮށް ކުރެވޭ އަމަލީ މަސައްކަތްތައް ރާއްޖޭގައި އިތުރުކުރުމަށް ފުރުސަތު ހުޅުވާލަދޭ މުހިންމު ޕްލެޓްފޯމެކެވެ.