ޚަބަރު

މިމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން %2.2 އިތުރު


  • މިމަހުގެ މިހާތަނަށް 172،487 ފަތުރުވެރިން ޒިޔާރަތްކުރި

  • އަހަރުގެ މިހާތަނަށް 1,427,104 ފަތުރުވެރިން ޒިޔާރާތްކުރި

މިމަހުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 172،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ، މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 2.2 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު ދަނީ، އިތުރުވަމުންނެވެ. އެގޮތުން ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ މިހާތަނަށް ރާއްޖެއަށް 172،487 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 168،698 ފަތުރުވެރިންނާ އަޅާބަލާއިރު، 2.2 އިންސައްތައިގެ އިތުރުވުމެކެވެ.

މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވިނަމަވެސް، މުޅި އަހަރުގެ ނިސްބަތަށް ބަލާއިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އަދިވެސް އުޅެނީ ދަށްކޮށެވެ. އެގޮތުން އަހަރުގެ މިހާތަނަށް 1,427,104 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.8 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ، 1,483,086 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,996 ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 18.7 އިންސައްތައިގެ ހިއްސާއަކާއެކު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކުރަނީ، ޗައިނާގެ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތް ކުރަނީ، ރަޝިއާ ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތައް:

* ޗައިނާ: 262,120 ފަތުރުވެރިން
* ރަޝިއާ: 205,187 ފަތުރުވެރިން
* އިނގިރޭސިވިލާތް: 108,909 ފަތުރުވެރިން
* އިޓަލީވިލާތް: 91,798 ފަތުރުވެރިން
* ޖަރުމަނުވިލާތް: 85,984 ފަތުރުވެރިން

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އެއީ، 1,028,660 ފަތުރުވެރިންނެވެ. އަދި ގެސްޓުހައުސްތަކުގައި 310,476 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. މީގެއިތުރުން ހޮޓާތަކުގައި 32,925 ފަތުރުވެރިން އަދި ސަފާރީތަކުގައި 25,972 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1,323 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 68,506 އަށް އަރައެވެ.