މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ވިލުންތެރި ކަނބަލުން ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމްއައިޓީ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓފްިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. މި ޕްރޮގްރާމް 264 ކަނބަލަކު ބައިވެރިވިއެވެ.
ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ އެ ޕްރޮގްރާމްއިން ދަސްވި ކަންކަމުގެ އަލީގައި ހުޅުމާލޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވެވާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލޭގެ ލާބައާ މަންފާއަށްކަމަށާއި މިފަދަ ޕްރޮގްރާމްތައް އިތުރުކުރުމަށްވެސް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
"ތި ބޭފުޅުންނަކީ މި ޝަހަރުގެ ލީޑަރުން. މުޖުތަމަޢުއަށް ދިމާވާ އެކި އެކި ކަންކަމުގައި، ޚާއްސަކޮށް ދިރިއުޅުމުގައި ދިމާވާ ތަފާތު ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލާ، ތިބޭފުޅުންގެ ވިލުންތެރިކަން ދައްކާދޭނެކަމަށް އަޅުގަނޑު އުންމީދުކުރަން." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ. އަދި 2023 ވަނަ އަހަރު މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް، މިއަހަރުގެ ތަމްރީނުތަކުގެ ދާއިރާ އިތުރަށް ފުޅާކޮށްފައިވެއެވެ.
އެގޮތުން ގޭތެރޭގައި ގެންގުޅޭ ކަރަންޓް ސާމާނު މަރާމާތު ކުރުމުގެ ތަމްރީނުތަކުގެ އިތުރުން، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ޙައްލުކުރަން މިފަހަރުގެ ޕްރޮގްރާމްގައި ދަސްކޮށްދިނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 3 މަސްދުވަހަށް އެކި ބެޗްތަކަށް ބަހާލައިގެންނެވެ.
އެމްއައިޓީއާއި އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިފަދަ ތަމްރީނުތަކުގެ ސަބަބުން އަންހެނުންނަކީ، ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި އަހުލުވެރި ބަޔަކަށް ވެގެންދާނެއެވެ. މީގެ އިތުރުން މިއެއްބަސްވުމުގެ ދަށުން ކުރިއަށް އޮތްތަނުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރި ކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.