އޮކްޓޫބަރު 2023 ގައި ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޤަތުލުއާންމުގެ ތެރޭގައި، މިހާތަނަށް 21,500 އަށްވުރެ ގިނަ ފަލަސްޠީނުގެ ކުޑަކުދިން ޝަހީދުކޮށް، ޣައްޒާގައި ހުރި 1,275 މިސްކިތުގެ ތެރެއިން 1,244 މިސްކިތަކަށް ހަމަލާދީފައިވާ ކަމަށް އެ ސަރަޙައްދުގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފިއެވެ.
އެ އޮފީހުން ހާމަކުރި ގޮތުގައި، ޔަހޫދީ ދައުލަތުގެ އަނިޔާވެރި ސިފައިން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމުގައި ވަނީ ރާވައިގެން، ގަސްދުގައި އާންމު ރައްޔިތުންނަށާއި، މީހުން ދިރިއުޅޭ ގެދޮރަށާއި، މިސްކިތްތަކާއި އާންމު ޚިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ބޮންއަޅާފައެވެ. މި ހަމަލާތަކުގައި 1,077 މިސްކިތެއް އެއްކޮށް ސުންނާފަތިކޮފައިވެއެވެ.
އާންމުންނަށާއި ކުޑަކުދިންގެ އިތުރުން އިސްލާމީ ބިނާތަކަށް ދެމުންދާ މި ހަމަލާތައް ކުށްވެރިކޮށް، ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ދޭ ހަމަލާތައް ހުއްޓުވައި، އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރުމަށް ޔަހޫދީންނަށް މަޖުބޫރުކުރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް އެ އޮފީހުން ވަނީ ގޮވާލައިފައެވެ.
މި ބަޔާން ނެރެފައިވަނީ ޣައްޒާއަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް ބުނެ ޔަހޫދީ ދައުލަތުން އަނެއްކާވެސް ބިރުދައްކައި، އިންޒާރު ދެމުންދާ ދަނޑިވަޅެއްގައެވެ.
ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ޣައްޒާއިން ޔަހޫދީ ދައުލަތުގެ ސަރަޙައްދުތަކަށް ފޮނުވާ ގުޑިތަކާ ގުޅިގެން ކަމަށް ބުނެ، ރާވައިގެން ދޭ ހަމަލާތައް އިތުރުކޮށް، އާންމުން ދިރިއުޅޭ އަވަށްތައް ހުސްކުރުމުގެ މަސައްކަތް ވަރުގަދަކުރާނެ ކަމަށް ބުނެފައެވެ.
ނަމަވެސް، މި އިންޒާރު ދީފައިވަނީ، ހޮނިހިރު ދުވަހު ޣައްޒާ ކައިރިން ފެނުނު ހަތަރު ގުޑިއެއްގައި ނުރައްކާތެރި އެއްވެސް އެއްޗެއް ނެތް ކަމަށާއި އާންމުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޔަހޫދީ ސިފައިން އަމިއްލައަށް ކަށަވަރުކޮށްދީފައި ވަނިކޮށެވެ.
އޮކްޓޫބަރު 2023 އިން ފެށިގެން ޔަހޫދީން ހިންގަމުންދާ މި ބޮޑު ޤަތުލުއާމުގައި ޖުމްލަ 73,000 އަށްވުރެ ގިނަ ފަލަސްޠީނު މުސްލިމުން ޝަހީދުވެ، 174,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
މީގެ އިތުރުން، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ވެސް ޔަހޫދީން އަނިޔާވެރިކަން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.
ފަލަސްޠީނުގެ "ވޯލް އެންޑް ސެޓްލްމަންޓް ރެސިސްޓަންސް ކޮމިޝަން" އިން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ހުޅަނގު އައްސޭރީގައި ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިން ދިން ހަމަލާތައް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 63 އިންސައްތަ އިތުރުވެފައެވެ.
އެގޮތުން މިދިޔަ އަހަރު ރެކޯޑުކުރެވުނު 2,524 ހަމަލާއާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި 4,113 ހަމަލާ ރެކޯޑުކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ކޮމިޝަނުން ފާހަގަކުރި ގޮތުގައި މި ހަމަލާތައް އިތުރުވެފައިވަނީ ޔަހޫދީ ވަޒަންވެރިންގެ އައު ސަރަޙައްދުތައް ފުޅާކުރުމާއި، ވަޒަންވެރިންނަށް ހަތިޔާރު ދީގެން ޔަހޫދީ ސިފައިންގެ ފައުޖާ ގުޅުވުމާއި، އަދި ސިފައިންގެ ފުރިހަމަ ހިމާޔަތް އެމީހުންނަށް ލިބެމުންދާތީއެވެ.
އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ފިޔަވަޅު ނޭޅުމުގެ ސަބަބުން، މިއީ ފަލަސްޠީނުގެ ރައްޔިތުން، އެ މީހުންގެ އަމިއްލަ ބިމުން ނެރެލުމަށް ރޭވިގެން ހިންގާ ބޮޑު ޖަރީމާއަކަށް ވަނީ ވެފައެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީންގެ 592 ޣައިރުގާނޫނީ އާބާދީއެއް ޤާއިމުކޮށް، އެ ސަރަޙައްދުގެ ބިމުގެ 42 އިންސައްތަ ޔަހޫދީ ދައުލަތުން ވަނީ ގަދަބާރުން އަތްދަށުކޮށްފައެވެ.. އަދި ހުޅަނގު އައްސޭރި އާއި އިރުމަތީ ޤުދުސްގައި ދިރިއުޅޭ ޣައިރުގާނޫނީ ޔަހޫދީ ވަޒަންވެރިންގެ ޢަދަދު 780,000 އަށް އަރައެވެ.
ޣައްޒާ ހަނގުރާމަ ފެށުނު ފަހުން، ހުޅަނގު އައްސޭރީގައި އެކަނިވެސް ޔަހޫދީ ސިފައިންނާއި ހައްދުފަހަނައެޅި ވަޒަންވެރިން ދިން ހަމަލާތަކުގައި ފަލަސްޠީނުގެ 1,182 މީހުން ޝަހީދުކޮށް، 12,000 އަށްވުރެ ގިނަ މީހުން ޒަހަމްކޮށް، އަދި 24,000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.