ޚަބަރު

ފެރިދޫ ބަނދަރު: މިހާރު ކުރިއަށްދަނީ ޕޭވްމަންޓާއި ކޮންކްރީޓް މަސައްކަތްތައް


  • މަޝްރޫޢުގެ %46 ވަނީ ނިމިފައި

  • މަޝްރޫޢު ނިމުމުން ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބޭނެ

އއ.ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ %46 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަނދަރު ޕޭވްމަންޓާއި ކޮންކޮރީޓް މަސައްކަތްތަކެވެ.

ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 16 ގައެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން ރަސްމީކޮށް ފަށާފައިވަނީ، 2023 ވަނަ އަހަރުގެ އޯގަސްޓުމަހުގެ 15 ގައެވެ. މިއީ 50.8 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ 35695 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށް، އެއްގަމުތޮށި ވަރުގަދަ ކުރުމަށް 213 މީޓަރުގެ ޕްރީކާސްޓް އެލް-ބްލޮކް ގާތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް 550 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖެހުން ހިމެނެއެވެ.

މީގެއިތުރުން އުޅަނދުތަކަށް ވަދެ ނިކުމެ ހެދުމަށް ފަސޭހައަކަށް 80 މީޓަރުގެ ޖެޓީއަކާއި، 12 މީޓަރުގެ ބްރިޖެއްގެ އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ. އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއްވައެެވެ.

ރާއްޖޭގެ ބަނދަރު ނެތް ބައެއް ރަށްރަށުގައްޔާއި، ބަނދަރު ހަލާކުވެ، ބަނދަރުގެ ޖާގައިގެ ދަތިކަން ދިމާވެފައިވާ ރަށްރަށުގައި އައު ބަނދަރުތައް ތަރައްޤީ ކުރުމަށް އެމްޓީސީސީއިން އަންނަނީ، އެކި ރަށްރަށުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަމުންނެވެ. މި މަޝްރޫޢު ނިމުމާއެކު އއ. ފެރިދޫ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި، އޮޑިދޯނިފަހަރު ލަފާފުރަން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.