ޚަބަރު

ނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި


  • މިބިލުގެ މަޤްސަދަކީ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާ ކުރުން

  • މިއީ ރާއްޖޭގެ ޕޭމަންޓް ނިޒާމަށް މުހިންމު ބިލެއް

ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމަށްޓަކައި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރައްވައިފިއެވެ.

މި ބިލު ފާސްކޮށްފައިވަނީ 2026 އޮގަސްޓް 17 ވީ ހޯމަ ދުވަހުއެވެ. މި ބިލުގެ މަޤްޞަދަކީ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމެވެ. ސަރުކާރުގެ ފަރާތުން ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.

މި ބިލުގައި، ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމުގައި ހިމެނޭ ވަކި ސިސްޓަމަކީ ނޭޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ދީފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އަށެވެ.

ބެންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތައް މެދުވެރިކޮށް، ދިވެހިރާއްޖޭގެ އިތުރުން، ރާއްޖެއިން ބޭރުގައި ހިންގާ ޕޭމަންޓް މުޢާމަލާތްތަކުގެ ތެރެއިން، އެމްއެމްއޭއިން ކަނޑައަޅާ ޕޭމަންޓް މުޢާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަންވާނީ ނޭޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި އެމް.އެމް.އޭ.އިން ކަނޑައަޅާ ސިސްޓަމް މެދުވެރިކޮށް ކަމަށް ބިލުގައި ބުނެފައިވެއެވެ.

ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުން، އެމްއެމްއޭއިން އަންގާ ގޮތެއްގެ މަތިން، އަދި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި މި ސިސްޓަމާ ގުޅި، މުޢާމަލާތްތައް މީގެ ތެރެއިން ރޫޓްކުރަން މަޖުބޫރުވާނެއެވެ.

މި ބިލުގައި، ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް، ތަރައްޤީކުރުމުގެ ގޮތުން، ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކޮށް ހިންގުމާ ގުޅޭ އުސޫލުތައް ޤާނޫނު ގައި ބަޔާންކުރުމަށް ހިމަނާފައިވެއެވެ. އަދި، ޤައުމީ ޕޭމަންޓް ސިސްޓަމްތަކުގެ ގަވަރނަންސްއާއި މޮނިޓަރިންގ ހަރުދަނާކުރުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ބިލުގައި ހިމަނާފައިވެއެވެ.

މި ބިލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ގެނައި އިސްލާހަށް ވަނީ ޢަމަލުކުރަން ފަށައިފައެވެ.