ޚަބަރު

ލިވަޕޫލްގެ ޖޯންސް އިންޓަރއަށް


  • ޖޯންސް އިންޓަރއަށް ސޮއި ކުރީ 30 މިލިއަން ޕައުންޑަށް

އިންގްލިޝް ޕްރިމިއަރ ލީގުގެ ލިވަޕޫލަށް ކުޅެމުންދިޔަ ކަރޓިސް ޖޯންސް އިޓާލިއަން ސެރީއާގެ ޗެމްޕިއަން އިންޓަރ މިލާން އަށް ސޮއިކޮށްފިއެވެ.

މައުލޫމާތުލިބޭގޮތުގައި ޖޯންސް އިންޓަރއަށް ސޮއިކޮށްފައިވަނީ 30 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި އެހެން ކަންތައްތަކާއެކު 4.3 މިލިއަން ޕައުންޑް އިތުރަށް ދިނުމަށްވެސް އިންޓަރއިން އެއްބަސްވެފައިވެއެވެ. އަދި މިއެއްބަސްވުމުގެ ދަށުން އުމުރުން 25 އަހަރުގެ ޖޯންސް އިންޓަރގައި 2031 ވަނަ އަހަރުގެ ނިޔަލަށް ހުންނާނެއެވެ.

އިންޓަރއަށް ސޮއި ކުރުމަށްފަހު ޖޯންސް ބުނީ މިޓީމަށް ސޮއިކުރަން ބޭނުންވެފައި ހުންނަތާ ދުވަސް ކޮޅެއް ވެއްޖެކަމަށާއި އެހެން ކަމުން މިބަދަލާމެޗު ހިތްހަމަ ޖެހޭ ކަމަށެވެ. ޖޯންސް ބުނީ އޭނާއަކީ އެންމެ ކުޑައިރުން ފެށިގެން ލިވަޕޫލްގައި އުޅެ ބޮޑުވި ކުޅުންތެރިއެއް ނަމަވެސް މިހާރުމީ އޭނާގެ ކެރިއަރުގައި އާ ބަދަލެއް ގެއްނަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. ޖޯންސް ލިވަޕޫލްގެ އެކަޑަމީ އާއި ގުޅިފައިވަނީ އޭނާގެ އުމުރުން 9 އަހަރުގައެވެ.

އިންޓަރއިން އެންމެ ފުރަތަމަ ޖޯންސްއަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފަރ ބާޒާރުގެ ދުވަސްކޮޅުއެވެ. ނަމަވެސް އެފަހަރު ލިވަޕޫލްއިން ވަނީ އޭނާ ދޫކޮށްލަން ބޭނުން ނޫންކަން ހާމަކޮށްފައެވެ. އަދި މިއަހަރުގެ ޖޫން މަހު އިންޓަރއިން 21.7 މިލިއަން ޕައުންޑްގެ އަގެއް ހުށަހެޅުމުން ލިވަޕޫލްއިންވަނީ އެބިޑް ގަބޫލް ނުކޮށްފައެވެ.

ލިވަޕޫލް އޭރު ބުނަމުންދިޔައީ އެޓީމުގެ އެކެޑެމީއިން ފުރަތަމަ ޓީމަށް އައިސްފައިވާ ޖޯންސް އެޓީމުން ގުނަނީ 35 މިލިއަން ޕައުންޑަށެވެ. ނަމަވެސް ފަހުން ޓޮޓްނަމް ހޮޓްސްޕަރގެ ޖެޑް ސްޕެންސް 30 މިލިއަން ޕައުންޑަށް އިންޓަރއިން ގެންދިއުމާއެކު ލިވަޕޫލުންވެސްވަނީ އެވަރުގެ އަގެއް ދޭނަމަ މިޓްރާންސްފަރއަށް އެއްބަސްވާން ފަހުން ނިންމާފައެވެ.

2019 ވަނަ އަހަރު ޔަރގަން ކްލޮޕް ގެ ކޯޗު ކަމުގެ ދުވަސްވަރު ލިވަޕޫލްގެ ފުރަތަމަ ޓީމުން ޖާގަހޯދި ޖޯންސް ވަނީ މިހާތަނަށް 228 މެޗު އެޓީމަށް ކުޅެދީފައެވެ. އަދި މިދިޔަ ސީޒަންގައި ހުރިހާ މުބާރާތެއް އެއްކޮށް 49 މެޗުގައި އޭނާ ކުޅެފައިވެއެވެ. އޭގެތެރެއިން ޕްރިމިއަރ ލީގުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވަނީ 18 މެޗުގައެވެ. ޖޯންސް ބުނީ 16 އަހަރަށް ފަހު މިހާރު މިވަނީ ލިވަޕޫލަށް އަލްވަދާއު ކިޔާ ވަގުތު ޖެހިފައިކަމަށެވެ.

ޖޯންސް އާއި އެކު މިސީޒަންގައި އިންޓަރއިން އެޓީމަށް ގެންދިޔަ އިންގްލަންޑްގެ ކުޅުންތެރިންގެ އަދަދު މިވަނީ ތިނަކަށް އަރާފައެވެ. މީގެކުރިން މެންޗެސްޓަރ ސިޓީގެ ތަޖްރިބާކާރު ޑިފެންޑަރ ޖޯން ސްޓޯންސް ގެންގޮސްފައިވާއިރު ސްޕަރސްގެ ސްޕެންސްވެސްވަނީ އެޓީމަށް ގެންގޮސްފައެވެ.