ޚަބަރު

ޣައްޒާގެ އާބާދީގެ 94 އިންސައްތަ ހިޔާވަހިކަމަށް ބޭނުންޖެހިފައި


ޣައްޒާގެ 2.1 މިލިޔަން މީހުންގެ އާބާދީގެ 94 އިންސައްތަ މީހުންނަކީ ހިޔާވަހިކަމާއި ހިފައިގެންގުޅޭ އަސާސީ ސާމާނަށް ބޭނުން ޖެހިފައިވާ މީހުން ކަމަށް އދގެ ސެކެޓްރީ ޖެނެރަލްގެ ތަރުޖަމާނު، ސްޓެފާން ދުޖަރިކް ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވެފައި ވަނީ އޮގަސްޓު މަހުގެ 19ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ނިއު ޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ދުޖަރިކް ވަނީ މެދިއިރުމަތީގެ ޙަލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފައެވެ. އދގެ އިންސާނީ އެހީތެރިކަމާ ގުޅޭ ކަންކަން ވިލަރެސްކުރާ އިދާރާ، އޯސީއެޗްއޭއިން ނެރެފައިވާ ރިޕޯޓަކާ ހަވާލާ ދެއްވައި ދުޖަރިކް ވިދާޅުވީ ޔަހޫދީން އަދިވެސް ދެމުންދާ ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭ ގޮތަށް ޣައްޒާގެ ރައްޔިތުން އަދި ވެސް ދަނީ ޝަހީދުވަމުން ނުވަތަ ޒަޚަމްވަމުން ކަމަށެވެ. އަދި އެ ނޫން ގޮތްގޮތުން ވެސް ޔަހޫދީންގެ ހަމަލާތަކުގެ އަސަރު ޣައްޒާގެ ރައްޔިތުންނަށް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުޖަރިކް އިތުރަށް ވިދާޅުވީ ޣައްޒާގެ ކޮންމެ ފަސް ޢާއިލާއެއްގެ ތެރެއިން ހަތަރަކަށް ވުރެ ގިނަ ޢާއިލާ ދިރިއުޅެމުން ދަނީ އާދަޔާޚިލާފަށް ދަތި ދިރިއުޅުމެއް ކަމަށާއި، އެ ޢާއިލާތަކަށް ލިބިފައިވާ ހިޔާވަހިކަމަކީ ތެލާއި ހަކަތައާއި ދިރިއުޅުމަށް ބޭނުންވާ އެހެން އަސާސީ ސާމާނު ލިބެންހުރި ތަންތަން ނޫން ކަމަށެވެ.

ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމަށް ހުރި ހުރަސްތައް ފާހަގަކުރައްވަވައި ދުޖަރިކް ވިދާޅުވީ އެ ކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ކައްކާ ކައި، ފެންވަރާ، ނިދުމަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި ކާބޯތަކެއްޗާއި ފެން ރައްކާކޮށް، ގެދޮރުގައި އަލިކަން ހޯދުމަށާއި ހޫނުގަދަވުމާއި ފިނިވުމުން ރައްކާތެރިވުމަށް ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ހަނގުރާމަ ފެށި ފަހުން، ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކުރުމާ ހަމައަށް ޔަހޫދީން ވަނީ މައުސޫމް ކުޑަކުދިންނާއި ކުށެއް ނެތް އަންހެނުން ހިމެނޭ ގޮތަށް ޣައްޒާގެ 73،400 މީހުން ޝަހީދުކޮށްލައިފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި 174،300 މީހުންނަށް ޒަޚަމްވެފައިވެއެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ވަނީ ޣައްޒާގެ 1،266 ރައްޔިތުން ޝަހީދުކޮށްލައި، 4،200އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްކޮށްލައިފައެވެ. ޣައްޒާގެ ބިނާރުތަކުގެ 90 އިންސައްތައަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައި، ނުވަތަ އެއްކޮށް ސުންނާފަތިވެފައެވެ.