ޚަބަރު

ގިނައިން އަންނަނީ 25 - 34 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިން


  • ފަތުރުވެރިންގެ %14 ހިއްސާކުރަނީ މިއުމުރުފުރާގެ އަންހެނުން

  • ދެވަނައަށް އެންމެ ގިނައީ 35-44 ދެމެދުގެ އަންހެން ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ވީކްލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައިވަނީ އަންހެން ފަތުރުވެރިންނެވެ. އަދި 65 އަހަރުން މަތީގެ އުމުރުފުރާ ފިޔަވައި އެހެން ހުރިހާ އުމުރު ފުރާއެއްގައިވެސް ގިނައީ އަންހެން ފަތުރުވެރިންކަން ތަފާސްހިސާބުތަކުން ފާހަގަކުރެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އަހަރުގެ މިހާތަނަށް 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން %14 ހިއްސާކުރަނީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ %11.8 ހިއްސާއާއެކު 35 އަހަރާއި 44 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިންނެވެ. ތިންވަނަ އަށް އެންމެ ގިނައިން އައިސްފައިވަނީ 14 އަހަރުން ދަށުގެ އަންހެން ފަތުރުވެރިންނެވެ.

ފިރިހެން ފަތުރުވެރިންގެ ތެރެއިން ރާއްޖޭގެ މަޤުބޫލުކަން އެންމެ ބޮޑީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އުމުރު ފުރާގެ މީހުންނެވެ.

ވަކި ވަކި ޤައުމުތަކުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންނަށް ބަލާލާއިރު، އެންމެ ގިނައީ ޗައިނާ ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނައީ ރަޝިއާ ފަތުރުވެރިންނެވެ.

މި ދެ ޤައުމުން ރާއްޖެއަށް ވަނީ 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމަކީ އިނގިރޭސިވިލާތެވެ. އެޤައުމުން ރާއްޖެއަށް ވަނީ ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.4 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު %3 ދަށް އަދަދެކެވެ.

ފަތުރުވެރިން އަދަދުތައް މިހާރުވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު މިއީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު %2.6 އިތުރު އަދަދެކެވެ.