ޚަބަރު

"އަމާޒަކީ، ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުން"


ދެމެހެއްޓެނެވި ސިއްޙީ ނިޒާމެއްގެ އެންމެ މުހިންމު އެއް އަމާޒަކީ، ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމުގެ މުޙިންމުކަން ރައްޔިތުންނަށް ވިސްނައިދީ، އެފަދަ ނިޒާމެއް މުޖުތަމަޢުގެ ތެރޭގައި ޤާއިމްކުރެއްވުން ކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ ވިދާޅުވީ، އެއަމާޒަށް ވާޞިލްވުމަށް ސިއްޙީ ވުޒާރާއިން ގިނަ ކަންތައްތަކެއް ކުރެއްވުމަށް ރާއްވަވާފައިވާ ކަމަށެވެ. 

ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ފަށްޓަވައިގެން ކުރިއަށް އެބަގެންދަވައެވެ. ޚާއްސަކޮށް ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުން ދެއްވާ ޚިދުމަތުގެ ފެންވަރު މަތިކުރައްވައި، އެޚިދުމަތަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޚިދުމަތަކަށް ހެއްދެވުމަށް ސަރުކާރުން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެތެރޭގައި ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރެއްވުމާއި، މީހުން ބިނާކުރެއްވުން ފަދަ މުހިއްމު މަސައްކަތްތައް ހިމެނެއެވެ. 

މަދިރި ނައްތާލުމުގެ ޤައުމީ ކެމްޕޭން ފެށްޓެވުމަށް ލ.ގަމުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިކުރުމަކީ ދެމެހެއްޓެނެވި ސިއްޙީ ނިޒާމެއް ނެގެހެއްޓުމުގައި މުހިންމު ކަމެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ގައިން ގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރެއްވުމުގައި ގިނަ ކާމިޔާބީތަކެއް ޙާސިލްކުރެއްވިފައިވީނަމަވެސް، ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ހިމެނޭ ހަކުރު  ބައްޔާއި، ލޭމައްޗަށް ދިއުން ފަދަ ބަލިތައް މުޖުތަމައުގެ ތެރޭގައި ކަންބޮޑުވާ މިންވަރަށް އިތުރުވަމުން އަންނަކަަމަށެވެ. މިބަލިތަށް ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ދިވެހިރާއްޖެއިން ވަނީ މިސަރަަޙައްދުގެ އެހެން ޤައުމުތަކަށްވުރެ ކުރިން އދގެ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑި ޙާސިލްކުރުމަށް ސިއްޙީ ދާއިރާއިން ކަނޑައަޅާފައިވާ އަމާޒަށް ވާޞިލްވެފައެވެ. އެެގޮތުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަނީ ރާއްޖެއަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެއް ކަމަށްވާ ފައިލޭރިއާ ފްރީ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.