ދިވެހިރާއްޖޭގައި އިންސާނީ އެހީގެ ޞަފުތަކުން އެންމެ ކުރިން ފެންނަ އެއް ނަމަކީ ދިވެހި ރެޑް ކްރެސެންޓް، އެމްއާރްސީއެވެ.
އިންސާނުންނަށް ލިބޭ އަނިޔާތަކާއި ތަކުލީފުތައް ކުޑަކޮށްދިނުމަށާއި، މުޖުތަމަޢުތަކުގެ ރައްކާތެރިކަމާއި ކާރިސާތަކަށް އޮންނަ ތައްޔާރީ ހާލަތު ވަރުގަދަ ކުރުމުގެ މަތިވެރި މަޤްޞަދުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ، ދިވެހި ރެޑް ކްރެސެންޓު އުފެދި އެޖަމްޢިއްޔާއިން އަންނަނީ ބައިނަލްއަޤްވާމީ ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ހަރަކާތުގެ އަސާސީ އުޞޫލުތަކާ އެއްގޮތަށް ޤައުމީ ފެންވަރުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ފާއިތުވި 17 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރެޑް ކްރެސެންޓުން ވަނީ، ރާއްޖޭގެ އިންސާނީ ޚިދުމަތުގެ ދާއިރާގައި ވަރުގަދަ ބިންގަލެއް އަޅައި މުހިންމު މަޤާމެއް ހޯދާފައެވެ. ދިވެހިރާއްޖެއަކީ، ކުދި ޖަޒީރާތަކަށް ބެހިފައިވާ ޤައުމަކަށް ވެފައި މޫސުމީ ބަދަލުތަކާއި، ތިމާވެށީގެ ނުރައްކާތަކާއި، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކާތަކަށް ނާޒުކު ވެއްޓެއް އޮތް ތަނަކަށްވުމުން މުޅި ރާއްޖެއަށް ފެތުރިފައިވާ އެމްއާރްސީގެ ވިއުގައާއި ހިލޭސާބަހަށް މަސައްކަތްކުރާ ވޮލަންޓިއަރުންގެ ދައުރު އިންތިހާއަށް ބޮޑެވެ.
ޤައުމީ ބޮޑެތި ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ މި ޖަމްޢިއްޔާއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޖާގައިގެ ދަތިކަމެވެ. ފުޅާ ދާއިރާއެއްގައި ޚިދުމަތްދޭ އިދާރާއަކަށް އެކަށީގެންވާ ތަނަވަސް ޖާގައެއް މުހިންމު ވެފައިވާއިރު، މީގެ 17 އަހަރު ކުރިން ރެޑް ކްރެސެންޓުން ދެކެމުން އައި އަމިއްލަ އިމާރާތެއްގެ ހުވަފެނުގައި މިހާރު މިވަނީ ހަޤީޤީ ކުލަ ޖެހެން ފަށާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޝާބިން ވިދާޅުވީ، 2014 ވަނަ އަހަރު ލުއި އަގެއްގައި ބިމެއް ހަމަޖެހުނު ނަމަވެސް މިއަދާ ހަމައަށްވެސް ޖަމްޢިއްޔާގެ މަސައްކަތްތައް ހިންގަމުން އައީ އެ ބިމުގައި ވަގުތީގޮތުން ހަދާފައިވާ ކުޑަ އޮފީހެއްގައި ކަމަށެވެ. ނަމަވެސް އެ ހާލަތު ބަދަލުކޮށް ދާއިމީ އަދި ޒަމާނީ މައި އިދާރާއެއް ބިނާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ދިވެހި ރެޑް ކްރެސެންޓަށް 17 އަހަރުފުރުން ފާހަގަކުރުމަށް މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރަސްމީކޮށް އިފްތިތާޙުކުރި ދަ ކްރެސެންޓް ޓަވަރަކީ ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމައްޗަށް ވާގޮތަށް މިރިހިމަގުގައި ހުންނަ ދިވެހި ރެޑްކްރެސެންޓްގެ ބިމުގައި ހަދާ 14 ބުރީގެ އިމާރާތެކެވެ. ޖުމްލަ 70،000 އަކަފޫޓުގެ ބިމެއްގައި ތަރައްޤީކުރާ މި ޓަވަރުގައި ހިމެނޭނީ، ހަމައެކަނި އެމްއާރްސީގެ އޮފީހެއް ނޫނެވެ. އޭގެ އިތުރުން ވިޔަފާރި އޮފީސްތަކަށް ޚާއްޞަ ފަންގިފިލާތަކާއި ކެފޭ، ރެސްޓޯރެންޓް، ޖިމް އަދި ފިހާރަތަކަށް ޚާއްސަ ޒަމާނީ ވަސީލަތްތައް މި އިމާރާތުގައި ޤާއިމުކުރާނެއެވެ.
ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢާ ގުޅޭގޮތުން ޝާބިން ވިދާޅުވީ، މިހާރު ކުރިއަށްދަނީ އިންވެސްޓްމަންޓް ހޯދުމުގެ މަރުޙަލާ ކަމަށެވެ. މި މަޝްރޫޢުގައި ބައިވެރިވުމަށް މައިގަނޑު ހަތަރު ގޮތެއް ވަނީ ކަނޑައަޅާފައެވެ. އެއީ ޖާގަ ކުއްޔަށް ހިފާ ފަރާތްތައް، އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް، ފައިނޭންސް ކުރާ ފަރާތްތައް އަދި ސްޕޮންސަރުންނެވެ.
ޝާބިން ވިދާޅުވީ، ދަ ކްރެސެންޓް ޓަވަރު އިމާރާތް ކުރެވިގެން ދިޔުމަކީ ދިވެހި ރެޑް ކްރެސެންޓަށް މާލީ ގޮތުން ދެމެހެއްޓެނިވި ބާރުވެރިކަމެއް ލިބޭނެ ކަމެއް ކަމަށެވެ. އިމާރާތުން ލިބޭ އާމްދަނީގެ ސަބަބުން ހަމައެކަނި އެހީއަށް ބަރޯސާނުވެ މުޅި ރާއްޖޭގައި ފޯރުކޮށްދޭ އިންސާނީ އެހީތެރިކަމުގެ ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެއެވެ.
ކާރިސާތަކުން އަރައިގަތުމަށާއި ކުއްލި ހާލަތްތަކުގައި ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި މުޖުތަމަޢުގައި ބާކީވެ ނިކަމެތިވާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމުގައި އެމްއާރްސީން ކުރަމުންދާ މަސައްކަތަކީ، އަގުނުކުރެވޭ ފަދަ ޤައުމީ ޚިދުމަތެކެވެ. "ދަ ކްރެސެންޓް ޓަވަރު" ވާނީ، މި އަގުހުރި އިންސާނީ ޚިދުމަތް މާދަމާގެ ޖީލުތަކަށްޓަކައި އިތުރަށް ވަރުގަދަވާނެ ބިންގަލަކަށެވެ.