ޚަބަރު

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ކޮމިޓީން ރުހުންދީފި


  • ރުހުންދީފައިވަނީ އައިޝަތު އާރިފާ އާއި މުޙައްމަދު އާރިފަށް

  • ދެބޭފުޅުންނަށް އެވްރެޖްކޮށް %75އިން މަތިން މާކްސް ލިބުނު

ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ނިންމައިފިއެވެ.

އެލްޖީއޭގެ ބޯޑަށް މަޖިލީހުން ޢައްޔަންކުރައްވާ މެންބަރުންގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެތެރެއިން، މަޖިލީހުން ކަނޑައަޅުއްވާ މެމްބަރުންގެ ގޮތުގައި އައްޔަންކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވާފައި ވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ.

އެމަނިކުފާނު ފޮނުއްވާފައިވަނީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އަންހެން މެންބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަން ކުރައްވާ މެންބަރުންގެ ނަންތަކެވެ.

މިންތީގެ ހަމަހަމަކަން ނުވަތަ ޖެންޑަރ އިކުއަލިޓިގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި އެލްޖީއޭގެ ބޯޑަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އާރިފާގެ ނަންފުޅެވެ. ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ށ. ކަނޑިތީމު، ރަތްވިލާގެ މުޙައްމަދު އާރިފްގެ ނަންފުޅެވެ.

މިއަދު ބޭއްވި ލާމަރުކަޒީ ކޮމިޓީގައި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ވަޙީދު ހުށަހަޅުއްވާފައިވަނީ، އެ ދެ ބޭފުޅުންނާއި އިންޓަރވިއުކުރުމަށްފަހު، އެ ދެބޭފުޅުންނަށް ވެސް އެވްރެޖްކޮށް 75އިން މަތިން މާކްސް ލިބިފައިވާތީ، އެ ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަކަމަށް ފާސްކުރުމަށެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާއެވެ. އެ ހުށަހެޅުން ފާސްކުރައްވާފައިވަނީ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ. އެލްޖީއޭގެ ބޯޑު އެކުލެވިގެންވަނީ 9 މެންބަރުންގެ މައްޗަށެވެ.