ޚަބަރު

އެމްޕަވަމަންޓް ހަބްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިންގާ ކެފޭއަކާއި ފިހާރައެއް


  • ހަބް ހުންނާނީ ހުޅުމާލެ ފޭސް 2ގެ އަމާން އުދަރެސް ޓަވަރުގައި

  • ތަފާތު ގިނަ ޕްރޮގްރާމްތައް ހިންގާނެ

  • އަމާޒަކީ އޮކްޓޯބަރު މަހަށް މަސައްކަތް ނިންމުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުމަށް ޕްރޮގްރާމްތައް ހިންގުމަށް ތަރައްޤީ ކުރާ "ކޮމިއުނިޓީ އެމްޕަވަމަންޓް ހަބް"ގައި، އެފަދަ ކުދިން ބަލަހައްޓާ ހިންގާ ކެފޭއަކާއި ފިހާރައެއް ހުޅުވާނެކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި މަރުކަޒަކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޒަކާތު ފަންޑުން ޚަރަދުކޮށް، އިޖުތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި އެފްޑީސީ ގުޅިގެން ހަދަމުންދާ މަރުކަޒެކެވެ.

މި މަރުކަޒު ޤާއިމުކުރަނީ، ހުޅުމާލެ ފޭސް 2ގެ އަމާން އުދަރެސް 7 ވަނަ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައެވެ. ސެންޓަރުގެ މަސައްކަތް ފެށީ، ޖަނަވަރީ މަހުއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާތިފް ވިދާޅުވީ އެމްޕަވަމަންޓް ހަބްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، މަރުކަޒުގެ މަސައްކަތް ނިންމާ އޮކްޓޯބަރު މަހުގެ ތެރޭގައި ޚިދުމަތްތައް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މިތަނަކީ ސްކޫލް ނިންމާ ދަރިވަރުންނަށް އެކި ރޮނގުރޮނގުން ތަމްރީނާއި ހުނަރުތައް ދަސްކޮށްދިނުމާއި ދިރިއުޅުމާއި ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށް އެއް ފުރާޅެއްގެ ދަށުން މަސައްކަތް ކުރިއަށް ގެންދެވޭގޮތަށް ތަރައްޤީކުރާ މަރުކަޒެކެވެ.

"ވަޒީފާއަކާ ހަމައަށް ދެވެންދެން ޖޮބް ކޯޗިންތައް ގެންދެވޭނެ. ޖަމްޢިއްޔާ ޖަމާޢަތްތަކުން ހިންގާ ޕްރޮގްރާމްތަކާއި ބައްދަލުވުން ގެންދެވޭނެ ތަނަކަށްވާނެ. މިފަދަ ކުދިން އެއްވެލާ އުޅެވޭނެ މާޙައުލަކަށްވާނެ. ޕްރޮގްރާމް ހިންގުމަށް ކްލާސްރޫމްތައް ހުންނާނެ. ކޮމްޕް ލެބް ހުންނާނެ." އާތިފް ވިދާޅުވިއެވެ.

މީގެއިތުރުން، ވަޒީފާގެ ހުނަރުތައް ދަސްކޮށް ތަރައްޤީކުރުމަށް، ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިންގާ ކެފޭއަކާއި ފިހާރައެއްވެސް އެތަނުގައި ހުންނާނެކަމަށް ސްޓޭޓް މިނިސްޓަރ އާތިފް ވިދާޅުވިއެވެ.

"ކެފޭ ހިންގާ، ޚިދުމަތްދީ، ހިސާބުކިތާބު ބެލެހެއްޓުމުގެ ކަންކަން ކުރާނީވެސް އެކުދިން. ރީޓެއިލް ފިހާރައެއްވެސް ހިންގާނެ. ކުދިންގެ މަސައްކަތްތަކާއި އަރޓްވޯކް ފަދަ ތަކެތި ހުންނާނެ." އާތިފް ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި މުޅިން އަލަށް ކުރިއަށްގެންދާ އަދި ވަރަށް އުއްމީދީ މަސައްކަތެއްކަމަށްވެސް ސްޓޭޓް މިނިސްޓަރ އާތިފް ވިދާޅުވިއެވެ.

މި ހަބުގައި ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކުގެ ތެރޭގައި ކަލިނަރީ އަދި ހޮސްޕިޓަލިޓީ ދާއިރާއާއި، ރީޓެއިލް މަސައްކަތުގެ ތަމްރީނާއި، އައިޓީ ދާއިރާގެ ތަމްރީނުތައް ހިމެނެއެވެ. އަދި އަތްތެރި މަސައްކަތް ފަދަ އެކި ފަންނީ ހުނަރުވެރިން ބިނާކުރުމުގެ ގޮތުން ތަފާތު ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ.

މި މަރުކަޒު ފަރުމާ ކޮށްފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ތަން ބޭނުން ކުރެވޭ ގޮތަށެވެ. ފުރޮޅުލީ ގޮޑި ބޭނުންކުރާ މީހުންނާއި، ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް ޓެކްޓައިލް ޕާތުވޭ ހިމެނެއެވެ. އަދި ފާޚާނައާއި ނަމާދު ކޮޓަރިއާއި، އޯޓިޒަމް ހުންނަ ފަރާތްތަކަށް "ސެންސަރީ ރޫމް"އެއްވެސް ޤާއިމުކޮށްފައިވެއެވެ.

މި މަރުކަޒު ވާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަންކަމާއެކު، މާނަހުރި ގޮތެއްގައި މުޖުތަމަޢުގައި ބައިވެރިވާނެ އެތައް ފުރުޞަތުތަކެއް ފަހި ކޮށްދޭނެ މަރުކަޒަކަށެވެ.