ރ.މީދޫ އެކުވެރި ކްލަބްގެ ވަރުގަދަ 'އިތާ ވޮލީ މުބާރާތް' އެރަށުގައި ފަށައިފިއެވެ. ހަ ޓީމާއެކު ފެށި މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ރިސޯރޓް ވޮލީގައި ވަރުގަދަ ބަނޑޮސް އައިލެންޑް ރިސޯރޓެވެ.
މާލެ އަތޮޅު ބަނޑޮސް މުބާރާތަށް މީދޫއަށް ގޮސް ފުރަތަމަ މެޗު ކާމިޔާބުކުރީ ރީތިފަރާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ބަނޑޮސް ގެންދިޔައީ 25-18, 25-20 އަދި 25-19 އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބަނޑޮހުގެ ކަވިޝްކާ ޗަތުމަލް ބަންޑާރަ އެވެ. ބަނޑޮސް މުބާރާތުގައި ވާދަކުރަނީ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަދި ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުންނެވެ.
މިދެޓީމާއެކު ގްރޫޕް އޭގައި ދެން ހިމެނެނީ ކޯރާ ކޯރާއެވެ. ގްރޫޕް ބީގައި ހިމެނެނީ ދަ ސްޓެންޑަރޑް އާއި ޖޯލި ބީން އާއި ކުޑަފުށްޓެވެ. ގްރޫޕް ސްޓޭޖުން ކޮންމެ ގްރޫޕަކުންވެސް ގަދަ ދެޓީމާއެކު, ހަތަރު ޓީމް ވާދަކުރާނީ ލީގު ބުރެއްގައެވެ. ފައިނަލަށް ދަތުރުކުރާނީ ލީގު ބުރުން ކުރި ހޯދާ ދެޓީމެވެ. ފައިނަލް މެޗު ކުޅޭނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ކުލަގަދަ ވޮލީބޯޅަ މުބާރާތުގެ މިދިޔަ ތިން އަހަރުގެވެސް ޗެމްޕިއަން ޓީމަކީ ޖޯލި ބީން އެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައި ވަނީ 25,000 ރުފިޔާއެވެ. މިއީ ރިސޯރޓްތަކަށް ޚާއްޞަ މުބާރާތެކެވެ.
މުބާރާތުގައި މިރޭ ވާދަކުރާނީ ދަ ސްޓެންޑަރޑް އާއި ޖޯލި ބީން އެވެ.