ޚަބަރު

"ރައީސް ސާބިތުކޮށްދެއްވީ ބޮޑުތަކުރުފާނުގެ ޖިހާދުގެ ފިލާވަޅުން މައްސަލަތައް ހައްލުކުރެވޭނެކަން"


  • ރައީސް ފާހަގަކުރެއްވީ މިއަދުވެސް ދިވެހީންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކެއް

  • ބޮޑުތަކުރުފާނުގެ ދުވަސްވަރާ ރާއްޖޭގައި މިހާރު ހިނގާ ގިނަ ކަންކަމާ ގުޅުން އެބަހުރި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ ދުވަހާ ގުޅުވައިގެން އިއްވެވި ތަޤުރީރުގައި ސާބިތުކޮށްދެއްވީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ކޮންމެ މައްސަލައެއްވެސް ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދުން ފިލާވަޅު ނަގައިގެން ހައްލުކުރެވޭނެކަން ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ސީނިއަރ ލެކްޗަރަރ ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ޑރ. އަލީ ޝަމީމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ތަގުރީރުގައި ފާހަގަކުރެއްވި ކަންކަން ތަފްސީލުކޮށްދިނުމަށް ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ރިޔާސީ ތަޤްރީރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިޖުތިމާޢީ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމުވެސް ލިބިވަޑައިގެންފައިވާ ޑރ. އަލީ ޝަމީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމަކީ މިއަދުވެސް ދިވެހީންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކެއް ކަމަށެވެ. އެގޮތުން، ކުރިން ދިވެހިންގެ ކިބައިގައި ހުރި ރިވެތި އާދަތައް ނެތިގެންދާކަމުގެ ކަންބޮޑުުވުންތައް އެބައޮތް ކަމަށާއި އެކަންކަން ހައްލު ކުރެވޭނީ ދޮށީ އުމުރުގެ މީހުން ނަމޫނާ ދައްކައި، ކުރިއަށް ހުރި ޖީލުތަކަށް މަގު ދައްކައިގެން ކަމަށެވެ.

ވާދަވެރި ސިޔާސީ ޖައްވެއްގައި ދެބަސްވުންތައް އޮންނާނެކަން ފާހަގަކުރައްވައި އެކަމުގައި ރިވެތި އަޙްލާގު އިސްކުރުމަކީ މުހިންމު ކަމެއް ކަަމަށާއި އެފަދަ ހުރިހާ ކަމެއްގައި އެންމެ ލާމަސީލު އެއް މިސާލަކީ ބޮޑުތަކުރުފާނު ކަމަށް ޑރ. ޝަމީމް ވިދާޅުވިއެވެ. އެހެންވެ، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ހަޔާތްޕުޅުން ފިލާވަޅު ނެގުމަށް އެދިވަޑައިގެންނެވުމަކީ ޤައުމުގެ ކަންކަން ކުރިއަށްގެންދިއުމުގައި ދެއްކެވި ހިކުމަތްތެރިވާހަކަތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ޤައުމީ ދުވަހުގެ ވަރަށް މުނާސަބު ވާހަކަފުޅެއްގެ ގޮތުގައި، އާދެ ޤައުމީ ދުވަސް ހިތްވަރު ދެނީ އަޅުގަނޑުމެންގެ ކިބައިގައި އިހުގައި ހުރި ރީތި މާތް އަޚްލާގީ ސިފަތައް އަނބުރާ އިއާދަކުރަން، މިކަމަށް އިޝަރާތްކުރައްވައި އިލްތިމާސްކުރައްވާފައިމިވަނީ. އެހެންވީމަ އަޅުގަނޑުމެން ދޮއްޓަށް ތިބި މީހުން، ހަރުމީހުން ނަމޫނާ ދައްކައި، އަޅުގަނޑުމެންގެ ހަގަށް ތިބި މީހުންނަށް ކަންކަން އޮޅުންފިލުވައިދީ، އެބަޖެހޭ މަގުދައްކަން،" ޑރ. އަލީ ޝަމީމް ވިދާޅުވިއެވެ.

މި ތަގުރީރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒުވާނުން ހޭލުންތެރިކުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށްވާ ހަސަން ޝިޔާމް ވިދާޅުވީ ބޮޑުތަކުރުފާނުގެ ދުވަސްވަރާ ރާއްޖޭގައި މިހާރު ހިނގާ ގިނަ ކަންކަމާ ގުޅުންއެބަހުރި ކަމަށެވެ. އެހެންވެ އެމަނިކުފާނުގެ ހަޔާތްޕުޅުން ފިލާވަޅު ނަގައިގެން އެކަންކަން ހައްލުކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ވަރަށް ތަފްސީލުގޮތެއްގައި ހާމަކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.

"މިހާރު މިދިވެހިރާއްޖޭގައި މިހިރަ ވަރަށް ގިނަ މައްސަލަތަކަށް ބޮޑުތަކުރުފާނުގެ ޖިހާދު ގުޅުވައިގެން، ވަރަށް ގިނަ ކަންތައްތައް ވިދާޅުވެދެއްވި. އޭގެ ތެރޭގައި އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވުނީ ޒުވާނުންނަށް ވަރަށް ބޮޑަށް ގުޅުވާފައި ރައީސްގެ ތަގުރީރުގައި ޖިހާދު، ބޮޑުތަކުރުފާނުގެ ހަޔާތްޕުޅުގައި މާޒީ، އޭރު ބޮޑުތަކުރުފާނު އަމަލުކުރެއްވި ގޮތް، ބޮޑުތަކުރުފާނުގެ ޓީމުން އަމަލުކުރެއްވި ގޮތް، އަދި ބޮޑުތަކުރުފާނު އެ ޖިހާދަށް ތައްޔާރުވުމަށްޓަކައި ޕޯޗުގީޒުންނާ ކުރިމަތިލެއްވުމަށްޓަކައި އެ ގެންގުޅުއްވި އުކުޅުތަކާއި ވިސްނުންފުޅުތައް، އެ ގުޅެނީ ރާއްޖޭގެ މިހާރުގެ ވަރަށް ގިނަ ހާލަތްތަކާ. ރައީސްގެ ތަގުރީރުގައި މިހުރި ހުރިހާ މައްސަލަތަކަށް ވަށައިޖެހޭ ގޮތަށް ވަނީ ވަރަށް ބޮޑަށް ފޯކަސް ކުރައްވާފައި. އަޅުގަނޑު ދެކޭގޮތުގައި މިއީ ވަރަށް ޢިލްމީ، ވަރަށް ފަންނީ، ވަރަށް މާނަވީ އިބުރަތްތެރި ތަޤުރީރެއް ރައީސް މިވަނީ މިފަހަރުގެ ޤައުމީ ދުވަހު ދިވެހި ޤައުމުގެ ރައްޔިތުންނަށް ދެއްވާފައި،" ހަސަން ޝިޔާމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދުު ޤައުމީ ދުވަހާ ގުޅުވައިގެން އިއްވެވި ތަގުރީރުގައި ބޮޑުތަކުރުފާނުގެ ހަޔާތްޕުޅުން ފިލާވަޅު ނަގައިގެން ޤައުމިއްޔަތާއި އެއްބައިވަންތަކަމާއި ރިވެތި އަޚްލާގު ދިރުވައި އަލާކުރުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެމަނިކުފާނު ގެންގުޅުއްވި ސިޔާސަޔަތުތަކަކީ ޤައުމުގެ ލީޑަރުންނަށް މުހިންމު ފިލާވަޅުތަކެއްކަންވެސް ފާހަގަކުރެއްވިއެވެ. އެހެންވެ ބޮޑުތަކުރުފާނު އަމަލުކުރެއްވި ގޮތްތަކުން ނަމޫނާ ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.