ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ނ. އަތޮޅުގެ ފުރަތަމަ މެޗުތަކުން މާފަރާއި މަނަދޫ މޮޅުވެއްޖެއެވެ.
މި ދެ ޓީމުން އަތޮޅު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުތަކުން މޮޅުވިއިރު، މި އަތޮޅުގެ ހުރިހާ މެޗެއް ވެސް ކުޅެނީ މަނަދޫގައެވެ.
މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި މަނަދޫއިން ޅޮހީގެ މައްޗަށް ކުރިހޯދީ 0-2ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި މަނަދޫއިން ވަނީ ކޮންމެ ހާފެއްގައި އެއް ލަނޑު ޖަހާފައެވެ.
އެގޮތުން ފުރަތަމަ ލަނޑު، މެޗު ފަށައިގެން ދެ މިނެޓުގެ ތެރޭގައި މަނަދޫއިން ޖެހިއިރު މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރައުފަތު އަބޫބަކުރެވެ.
ދެވަނަ ހާފުގައި މަނަދޫއިން ލީޑު ފުޅާކުރިއިރު މި ލަނޑު ޖެހީ ހާފު ފަށައިގެން ހަތްމިނެޓުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ޝައިހާނެވެ.
މި އަތޮޅުގައި މިރޭ ކުޅުނު މެޗުގައި މާފަރުން މަގޫދޫގެ މައްޗަށް ކުރިހޯދީ 3-5ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެލަނޑު ފެނިގެންދިޔައިރު މި ދެލަނޑު ވެސް ކާމިޔާބުކުރީ މާފަރުންނެވެ. މި ލަނޑުތައް ޖަހައިދިނީ އައިހަމް ހަމްދޫނާއި އިމާދު އަލީއެވެ.
ދެލަނޑުގެ ލީޑެއްގައި އޮވެ މާފަރުން ދެވަނަ ހާފު ފެށިއިރު މި ހާފު ފަށައިގެން ދެ މިނެޓުގެ ތެރޭގައި އެ ޓީމުން އިތުރު ލަނޑެއް ޖެހިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާޙީމް ޒަކަރިއްޔާއެވެ. އަދި މެޗުގައި އެ ޓީމުން ޖެހި ފަހު ދެލަނޑުގެ ތެރެއިން އެއް ލަނޑު އިރުޝާދު އަދުނާން ޖަހައިދިން އިރު ފަހު ލަނޑަކީ މަގޫދޫގެ މުހައްމަދު އިހުޝާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގައި މަގޫދޫއިން ޖެހި ތިން ލަނޑުވެސް ދެވަނަ ހާފުގައި ޖެހިއިރު މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިރުޝާދުއާއި އަލީ ޝާހިދެވެ. މީގެތެރެއިން އިރުޝާދު ވަނީ ދެ ލަނޑު ޖަހާފައެވެ.
އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގައި ނ. އަތޮޅުން ބައިވެރިވީ ޖުމްލަ ހަތަރު ޓީމެވެ. މިއަދުގެ ނަތީޖާތަކާއެކު މި އަތޮޅުގެ ގުރޫޕުގެ އެއްވަނައިގައި މަނަދޫ އޮތީ ޖެހި ލަނޑުން ކުރި ލިބޭތީއެވެ. ދެވަނައިގައި މަނަދޫ އޮތްއިރު ތިންވަނައިގައި ޅޮހި، އަދި ފުލުގައި އޮތީ މަގޫދޫއެވެ.
މި އަތޮޅުގެ ޗެމްޕިއަން ކަނޑައަޅާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު، ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭއިރު އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލް މެޗެއް ކުޅެގެންނެވެ. ފައިނަލް ކުޅޭނީ މިމަހުގެ 21ވަނަ ދުވަހުގެރެއެވެ.