ޚަބަރު

ކަނޑުމަތީގެ ދިފާޢީ އިއްތިޙާދާ 13 ޤައުމަކުން ގުޅިއްޖެ


ގިނަ ޤައުމުތަކެއް ގުޅިގެން ޤާއިމްކުރާ ކަނޑުމަތީގެ ދިފާޢީ އިއްތިޙާދުގައި 13 ޤައުމަކުން ރަސްމީކޮށް ބައިވެރިވެފައިވާ ކަމަށް ސަޢުދީ ޢަރަބިއްޔާއިން ބުނެފިއެވެ. ގިނަ ޤައުމުތަކަކުން ގުޅިގެން މި ފަދަ އިއްތިޙާދެއް ރަސްމީކޮށް ޤާއިމްކޮށްފައި މި ވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅިއާއި ރަތްަކަނޑުގައި ދަތުރުކުރުމަށް ނުރައްކާވެފައިވާ ދަނޑިވަޅެއްގައެވެ.

ސަޢުދީ ޢަރަބިއްޔާގެ ދިފާޢީ ވުޒާރާއިން ބުނީ އެ އިއްތިޙާދުގެ ކަންކަން ރޭވުމަށް ބޭއްވި ތިންވަނަ ބައްދަލުވުމުގައި 39 ޤައުމަކުން ބައިވެރިވެފައިވާ ކަމަށެވެ. 15 ޤައުމަކުން އެކުގައި ބަޔާނެއްގައި ސޮއިކޮށްފައިވާއިރު، 13 ޤައުމަކުން ފުރިހަމަ ކުރަންޖެހޭ ޤައުމީ އިޖުރާޢުތައް ފުރިހަމަކޮށް އެ އިއްތިޙާދުގެ ޗާޓަރުގައި ސޮއިކޮށްފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ. ބާކީ ހުރި ޤައުމުތަކުން ވެސް އިޖުރާޢުތައް ފުރިހަމަ ކުރަމުންދާ ކަމަށް އެ ޤައުމުން ބުނެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ދިފާޢީ ވުޒާރާއިން ބުނީ އިއްތިޙާދުގެ ހިންގާ އޮނިގަނޑު މިހާރު ހަލުވިކަމާއެކު އެކުލަވައިލަމުންދާ ކަމަށެވެ. އެގޮތުން ސަޢުދީގެ ރިއަރ އެޑްމިރަލް އަބްދުالله ބިން ސަލީމް އަލް-ޝެހްރީ ވަނީ އެ އިއްތިޙާދުގެ ކޮމާންޑަރުގެ ގޮތުގައި ޢައްޔަނުކޮށްފައެވެ. އަދި ޕާކިސްތާނުން ވަނީ އިއްތިޙާދުގެ ފުރަތަމަ ދައުރުގެ ޑެޕިޔުޓީ ކޮމާންޑަރުގެ މަޤާމަށް ޢައްޔަންކޮށްފައެވެ. އެ އިއްތިޙާދުގެ އިދާރާ ވެސް މިހާރު ޤާއިމްކޮށް ނިޝާން ފާސްކޮށްފައިވާ ކަމަށާއި، ހިންގުމަށް ބޭނުންވާ ލިޔެކިޔުންތައް ވެސް ވަނީ ތައްޔާރުކޮށްފައެވެ. އެއާއެކު މިހާރު އެ އިއްތިޙާދުގެ ޢަމަލީ މަރުހަލާ ފެށިފައިވާ ކަަމަށް އެ ވުޒާރާއިން ބުނެއެވެ.

މި މަރުހަލާ ފެށުމާއެކު މެންބަރު ޤައުމުތަކަށް މިހާރު އެ އިއްތިހާދުގެ މަޤާމުތަކުގައި ޙަރަކާތްތެރިވެވޭނެއެވެ. އަދި މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލައި، ކަނޑުމަތީގެ އޮޕަރޭޝަންތައް ފަށައި، ކޯއޯޑިނޭޝަން ސެންޓަރު ޤާއިމްކޮށް ޖާސޫސީ ސެންޓަރެއް ވެސް ޤާއިމް ކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި ދިފާޢީ އިއްތިޙާދުގެ މައިގަނޑު އަމާޒަކީ ކަނޑުމަތީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ދަތުރުފަތުރުކުރުމުގެ މިނިވަން ކަން ރައްކާތެރިކޮށް، ބައިނަލްއަޤްވާމީ ވިޔަފާރި މަގުތައް ރައްކާތެރިކުރުމެވެ. ޚާއްޞަ ގޮތެއްގައި ބާބް އަލް މަންދަބް ކަނޑުއޮޅިއާއި ރަތް ކަނޑާއި ޚަލީޖް ޢަދްންގެ ރަައްކާތެރިކަން ޔަޤީންކުރުމުން ހިމެނެއެވެ.