ކުޅިވަރު

އިންފަންޓީނޯއަށް ކުރާ ތާއީދު ނިއުޒީލޭންޑުން އަނބުރާ ގެންގޮސްފި


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ތާއީދު ކުރުން ނިއުޒީލޭންޑުން ނިމުމަމަށް ގެނެސްފި އެވެ.

އޯޝޭނިއާގެ ގައުމުތަކުގެ ބައްދަލުވުމާ ދިމާކޮށް ނިއުޒީލޭންޑުން ބުނީ މިއީ ވަރަށް ވިސްނުންތެރިކަމާއެކު ނިންމި ނިންމުމެއް ކަމަށެވެ.

"ވަރަށް ބޮޑަށް މިކަމާމެދު ވިސްނުމަށްފަހު އަހަރުމެންނަށް ފެނުނީ އަހަރުމެންގެ ނިންމުން ރިވިއު ކުރަން ޖެހޭ ކަމަށް. މި ގޮތުން އަހަރުމެންނަށް ފެނުނީ ފުޓްބޯޅަ ހިންގުން ދެފުށް ފެންނަ ނިޒާމެއްގެ ތެރޭގައި އޮންނަން ޖެހޭ ކަމަށް،" ނިއުޒީލޭންޑް ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.

ނިއުޒީލޭންޑްގެ މި ނިންމުމާއެކު ގިނަ ބަޔަކު މިހާރު ބުރަވަނީ ފީފާގެ ހަ ބައްރުގެ ތެރެއިން އޯޝޭނިއާ ވެސް އިންފަންޓިނޯއާ ދެކޮޅު ހަދާނެ ކަމަށެވެ. މިހާތަނަށް އޭނާ އަށް ތާއީދު ނުކުރާނެ ކަމަށް ބުނެފައިވަނީ އޭޝިޔާ އާއި ޔޫރަޕާއި ކޮންކާކަފް ސަރަހައްދެވެ.

މި ގައުމުތަކުން ނުރުހުނީ ފީފާގެ މުބާރާތްތައް ހާއްސަކޮށް ވޯލްޑް ރާވައި ހިންގުމަށް ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް ހަދައި އެ ކުންފުނީގެ 20 ޕަސެންޓް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް ވިއްކާލަން ނިންމުމުންނެވެ. އަދި މިކަމަށް އެއްބަސްވާ ގައުމުތަކަށް އަހަރަކު 40 މިލިއަން ޑޮލަރު ދޭން ވެސް އިންފަންޓީނޯ ނިންމި އެވެ. ނަމަވެސް އޭނާގެ މި ނިންމުމަކީ ފީފާގެ އެއްވެސް މީހަކާ މަޝްވަރާ ނުކޮށް އަމިއްލަ އަށް ނިންމު ނިންމުމަކަށްވާތީވެ ގައުމުތަކުން ނުރހުން އަމާޒުވާން ފެށުމުން އިންފަންޓީނޯ ވަނީ މައާފަށް ވެސް އެދިފަ އެވެ. ނަމަވެސް ޔޫރަޕާއި ކޮންކާކަފުން ވަނީ އޭނާގެ ވާހަކަތައް ބަލައި ނުގަންނާނެ ކަމަށާއި ދެން އިތުބާރު ނުކުރާނެ ކަމަށް ވެސް ބުނެފަ އެވެ.