މޯލްޑިވްސް އައި ރަނާސްއިން އިންތިޒާމުކުރި މޯލްޑިވްސް ހާފް މެރަތަން 2026 ހުޅުމާލޭގައި ބާއްވައިފިއެވެ.
ފަސް ކެޓަގަރީއަކުން ދެހާހަށްވުރެ ގިނަ ދުވުންތެރިން މި މެރަތަންގައި ދުވެފައިވާއިރު، ހާފް މެރަތަން އާއި 15 ކިލޯމީޓަރު ދުވުން ފަށާފައިވަނީ ފަތިހު 05:15 ގައެވެ. އަދި ހެނދުނު 06:00 ގައި "ޓަފް ޓެން" ގެ ދުވުން ބާއްވާފައިވާއިރު، ފަސް ކިލޯމީޓަރު ބައިގެ ދުވުން ކުރިއަށްގެންގޮސްފައިވަނީ ހެނދުނު 07:30 ގައެވެ. އެއަށްފަހު ކުރިއަށް ދިޔައީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ދުވުމުގެ ހާއްސަ ހަރަކާތެވެ.
މޯލްޑިވްސް ހާފް މެރަތަންގެ އެމްބެސެޑަރުކަމަށްވާ ބައިނަލްއަގުވާމީ ފިޓްނަސް އައިކަން، އެންޑުއަރެންސް އެތުލީޓް އަދި ކުރީގެ ބޮލީވުޑް އެކްޓަރު މިލިންދު ސޯމަންވެސް މި ހަރަކާތުގައި ބައިވެރިވިއެވެ.
މިއަހަރުގެ މޯލްޑިވްސް ހާފް މެރަތަން 2026 ހަރަކާތްތައް މިދިޔަ އަންގާރަ ދުވަހު ފަށާފައިވާއިރު، އެދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރޭގައި ރޭހުގެ ބިބް ދޫކުރުމާއި ދުވުމާގުޅޭ އެކި ހަރަކާތްތައް ހިމެނޭ އެކްސްޕޯއެއް ކުރިއަށް ގެންދިއުން ހިމެނެއެވެ. އޭގެ އިތުރުން ފިޓްނަސް ޗެލެންޖްތަކުގެ އިތުރުން ފޮޓޯ ނެގުމާއި ދުވުމާ ގުޅޭ ހާއްސަ ސާމާނު ވިއްކުންވެސް އެކްސްޕޯގައިވަނީ ކުރިޔަށް ގެންގޮސްފައެވެ.
މޯލްޑިވްސް ހާފް މެރަތަން 2026 އެކްސްޕޯ އަންގާރަ ދުވަހު ކުރިއަށްދިޔަ އިރު، އަޔަން މޭން ޓްރައި އެތުލީޓް މިލިންދު ސޯމަން އާއިއެކު ހާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.