މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ "އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައިވަނީ އިންސްޓީޓިއުޓްގެ ފުރަތަމަ ބެޗުގެ ބައިވެރިންވަނީ ދަސްވެނިވެފައެވެ.
އެވިއޭޝަން ދާއިރާއަކީ ފަންނީ މުވައްޒަފުން ބޭނުންވާ މުހިއްމު ދާއިރާއެކެވެ. އެހެންކަމުން އެދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށާއި ވަޒީފާގައި ދެމިތިބި މުވައްޒަފުންނަށް ދޭންޖެހޭ މުހިއްމު ތަމްރީނުތައް ފޯރުކޮށްދިނުމަށް މިވަނީ ޚާއްސަ "އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް" އެއިމް އިފްތިތާޙްކޮށްފައެވެ. އެމްއޭސީއެލްއިން ވިދާޅުވީ އެއިންސްޓިޓިއުޓުގެ ފުރަތަމަ ބެޗުގެ ބައިވެރިން ދަސްވެނި ވެފައިވާކަމަށާއި ފުރަތަމަ ބެޗުގައި ޖުމްލަ 29 ދަރިވަރުން އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކޮށް ސަނަދު ޙާޞިލްކޮށްފައިވާކަމަށެވެ. އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިއުއޭގެ މިންގަނޑުތަކަށް ފެތޭގޮތަށް، ޤައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ފަރުމާކޮށްފައިވާ ސެޓްފިކެޓް ލެވެލް 3ގެ ކޯހެކެވެ. މިކޯސް ކުރިއަށް ގެންގޮސްފައިވަނީ 1 ޖޫން އިން 9 ސެޕްޓެމްބަރު 2025ގެ ނިޔަލަށެވެ.
ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ. ޗާންސެލަރގެ އަރިހުގައި އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި ކުންފުނީގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސީއީއޯ އަދި މެެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، އޭއައިއެމްގެ މަޤްޞަދަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން ބިނާކުރުން ކަމަށެވެ. އަދި މި އިންސްޓިޓިއުޓަކީ އެއަރޕޯޓްތަކަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތަމްރީނުކުރުމަށް އެމް.އޭ.ސީ.އެލް އިން ދިގު މުއްދަތަކަށް ގެންގުޅޭ ތަޞައްވުރު ރަމްޒުކޮށްދޭ ތަނެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކޯހުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވުމަށްފަހު ވާހަކަފުޅޫދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ ވިދާޅުވީ ރާއްޖޭގައި ތަޢުލީމީ އަދި ހުނަރުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް އެމްއޭސީއެލްއިން ކުރަމުންދަނީ މުހިންމު މަސައްކަތްތަކެއްކަމަށެވެ.
ސެކިއުރިޓީ މެނޭޖްމަންޓް ކޯހަކީ އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްއާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނުކުރުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ކޯހެއްކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. މި ޕްރޮގްރާމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް އެކުންފުނިން ވިދާޅުވިއެވެ.