ޒުވާނުންގެ އުއްމީދުތައް ހާސިލްކުރުމުގައި ހިފެހެއްޓުމެއް ނެތް ރާއްޖެއެއް ބިނާކުރުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޢިލްތިމާސްކުރައްވައިފިއެވެ.
ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވީ، ދިވެހި ޒުވާނުން ބޮޑުވަމުންދަނީ ތަފާތު އެކި މާހައުލުގައި، ތަފާތު ރަށްރަށުގައި، ތަފާތު ފުރުސަތުތަކާ އެކުގައިކަމަށެވެ. އެހެންނަމަވެސް އެއިން ކޮންމެ ޒުވާނެއްގެ ހުވަފެނަކީވެސް މުހިންމު ހުވަފެނެއްކަމަށެވެ. މުޖުތަމަޢެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ވާންވާނީ ޒުވާނުންގެ ހަޔާތަކީ މާނަވީކަމަކަށް ހެދުމުގެ ފުރުސަތު ލިބޭކަން ޔަޤީންކުރުންކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.
އެހެންކަމުން ޒުވާނުންގެ ދުވަހު އަޒުމްކަނޑައަޅަންވީ ކޮންމެ ހާލަތެއްގައި ޒުވާނެއްގެ ހަޔާތް ފެށިނަމަވެސް އެ ޒުވާނާގެ އުއްމީދުތައް ހާސިލްކުރުމުގައި ހިފެހެއްޓުމެއް ނެތް ރާއްޖެއެއް ބިނާކޮށްދިނުމަށްކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އެ ކަމަނާ އެފަދައިން ވިދާޅުވެފައިވާއިރު، ޒުވާނުންގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސްވަނީ ޒުވާނުންނަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ބާރުކަން ފާހަގަކުރައްވާފައެވެ. އަދި ޒުވާނުންގެ އުފެއްދުންތެރިކަމާއި އަޒުމާއި ހިތްވަރަކީ މުޖުތަމަޢަށާއި މުޅި ޤައުމަށްވެސް އެތައް ގޮތަކުން ބަދަލުތަކެއް ގެނެސްދޭކަމެއްކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ 1998 ވަނަ އަހަރުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ޒުވާނުން ބާރުވެރިކުރުވުމާއި ޒުވާނުންނާއި ގުޅުންހުރި ގޮންޖެހުންތައް ދެނެގަނެ، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދާދިނުމަށް މަގުފަހިކޮށްދިނުމެވެ.