ބާސެލޯނާގެ ފޯވަދް ފެރަން ޓޮރޭޒް ގަތުމަށް ޕީއެސްޖީން ހުށަހެޅި 40 މިލިއަން ޔޫރޯ އަށް ބާސެލޯނާއިން ނޫނެކޭ ބުނެފި އެވެ.
ފާއިތުވެދިޔަ ދެ ސީޒަނުގެ ވެސް ޔޫރަޕުގެ ޗެމްޕިއަނުން ވަނީ ޓޮރޭޒްގެ ސޮއި ހޯދުމަށް އޭނާއާ އެކު އަނގަބަހުން އެއްބަސްވުމަކަށް އައިސްފަ އެވެ. މިއަށް ފަހު މި ވިޔަފާރި ކުރިއަށް ގެންދަން ފްރާންސްގެ ޗެމްޕިއަން ޓީމުން ހުށަހެޅީ 40 މިލިއަން ޔޫރޯ އެވެ. ނަމަވެސް ސްޕޭނުގެ މީޑިޔާތަކުން ބުނަނީ ބާސެލޯނާއިން ޓޮރޭޒް ވިއްކާލަން އެއްބަސްވަނީ މަދުވެގެން 50 މިލިއަން ޔޫރޯ އަށެވެ. މިހެންވެ ދެ ކުލަބުން ކުރިއަށް އޮތް ދުވަސްތަކުގައި އަގަކާ މެދު އެއްބަސްވުމަށް މަޝްވަރާތައް ކުރާނެ އެވެ.
މެންޗެސްޓާ ސިޓީން މީގެ މީގެ ދެ ސީޒަން ކުރިން ބާސެލޯނާ އަށް ބަދަލުވި ޓޮރޭޒްގެ ކޮންޓްރެކްގައި ބާކީ އޮތީ އަހަރެކެވެ. މިހެންވެ 2027 ވަނަ އަހަރުގެ ޖޫން މަހަށް އޭނާގެ ކޮންޓްރެކްޓް ހަމަވާނެ އެވެ. ޕީއެސްޖީން ބޭނުންވަނީ ބާކީ އަހަރެއް އޮތުމުން ހެޔޮ އަގެއްގައި އޭނާ ގަތުމަށެވެ.
ނަމަވެސް ބާސެލޯނާއިން ބޭނުންވަނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ސްޕޭނަށް ކާމިޔާބު ކޮށްދިން ލަނޑު ފައިނަލް މެޗުގައި އާޖެންޓިނާ ކޮޅަށް ޖެހި ފޯވަޑް އަގު މަދުވެގެން 50 މިލިއަން ޔޫރޯ އަށް ހެދުމަށެވެ. އެހެންނޫންނަމަ އޭނާގެ ކޮންޓްރެކްޓް އާކުރަން ވެސް ބާސެލޯނާއިން މަސައްކަތް ކުރާނެ އެވެ.
ފެރަން ޓޮޓޭޒް ބާސެލޯނާގައި ހުންނަން ބޭނުންނުވަނީ އޭނާ އަށް ފުރަތަމަ 11އިން ޖާގަ ނުލިބޭތީ އެވެ. އަދި ޕީއެސްޖީން އޭނާ އަށް ހުށަހަޅަނީ ބާސެލޯނާ އަށް ވުރެ ދެ ގުނަ ބޮޑު މުސާރައެކެވެ.