ފާއިތުވި ޖޫން މަހާއި ޖުލައި މަހަކީ ވިލާތުގެ ހުޅަނގުގެ ސަރަޙައްދުތަކުން މިހާތަނަށް ތަޖުރިބާކޮށްފައިވާ އެންމެ ހޫނު ޖޫން މަހާއި ޖުލައި މަސް ކަމަށް ވިލާތުގެ އިއްތިޙާދުގެ މޫސުމަށް އަންނަ ބަދަލުތައް ދިރާސާކުރާ އިދާރާއިން ބުނެފިއެވެ.
ވިލާތުގެ އިއްތިޙާދުގެ ކޮޕާނިކަސް ކްލައިމެޓް ޗޭންޖް ސާވިސް، ސީ3އެސްއިން ބުނީ ޖޫން މަހާއި ޖުލައި މަހު ވިލާތުގެ އެވްރެޖް ހޫނުމިން ހުރީ 21.62 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ. އެއީ މީގެ ކުރިން ރެކޯޑު ކުރެވިފައިވާ އެންމެ ހޫނު ޖޫން މަހާއި ޖުލައި މަސް ކަމަށްވާ 2022ވަނަ އަހަރުގެ އެ މުއްދަތުގައި އެވްރެޖް ހޫނުމިން ހުރި މިންވަރަށް ވުރެ 2.79 ޑިގްރީސް އިތުރު މިންވަރެކެވެ. މީގެން ދައްކުވައިދެނީ މި އަހަރުގެ ހޫނު މޫސުމުގައި ހޫނުކަން ދަށަށް ނުގޮސް، އިތުރުވަމުންދާ ގޮތް ކަމަށް ސީ3އެސްއިން ބުނެއެވެ.
ސީ3އެސްއިން އިތުރަށް ބުނީ މި އަހަރުގެ ހޫނު މޫސުމުގައި ބިންގަނޑުގައި ހުންނަ ތެތްކަން ވެސް 2022ވަނަ އަހަރުގެ ޖުލައި މަހުގައި އެ މިންވަރު ހުރި މިންވަރަށް ވުރެ ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށެވެ.
މޫސުމާބެހޭ ތަޖުރިބާކާރެއްކަމަށްވާ ސަމަންތާ ބާގެސް ވިދާޅުވީ ވިލާތުގެ ހުޅަނގުގައި އުފެދިފައިވާ ހައި-ޕްރެޝަރު ނިޒާމުތަކުގެ ސަބަބުން އެ ސަރަޙައްދުގެ ހޫނުމިން އިތުރުވެ ވާރޭވެހުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. ބިންގަނޑު ހިކިވެ ތެތްކަން ކުޑަވަމުންދާ ވަރަކަށް ޤުދުރަތީ ގޮތުން މާހައުލު ފިނިކޮށްދިނުމުގެ ޤާބިލުކަން ކުޑަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން މާހައުލު އިތުރަށް ހޫނުވުމަށް މަގުފަހިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވިލާތުގެ ހުޅަނގުގެ ސަރަޙައްދުތަކުގައި ހުންނަ ކޯރުތަކުގެ ފެންގަނޑު ވެސް އާދަޔާޚިލާފަށް މަދުވެފައިވާ ކަމަށް އިދާރާތަކުން ފާހަގަކުރެއެވެ. އޭގެ ސަބަބުން ފެން ސަޕްލައިއާއި ދަނޑުވެރިކަމަށް ބޭނުންކުރާ ފެން ފޯރުކޮށްދިނުމުގައި ދަތިތައް ވަނީ ކުރިމަތިވެފައެވެ. ނަތީޖާއެއްގެ ގޮތުން ހަންގޭރީއާއި ސްލޮވީނިއާއާ ދެ ޤައުމުން ވެސް ދަނީ އެ ދެ ޤައުމުގައި ހުންނަ ހަމައެކަނި ނިއުކްލިޔަރ ޕަވަރ ޕްލާންޓް ހިންގާ މިންވަރު އާންމުކޮށް ހިންގާ މިންވަރު މަދުކޮށްފައެވެ.
ފަރަންސޭސިވިލާތާއި ސްޕެއިންގައި ވެސް ވާރޭނުވެހި ގިނަ ދުވަސްތަކެއް ވުމާއި ވައިގެ ތެތްކަން ކުޑަވުމުގެ ސަބަބުން ޖަންގަލިތަކުގައި ދަނީ ގެއްލުން ބޮޑު އަލިފާންގަނޑުތައް ރޯވަމުންނެވެ. ފާއިތުވި ޖުލައި މަހުގެ ފަހުކޮޅު ފަރަންސޭސިވިލާތުގައި ގާތްގަނޑަކަށް 42،000 ހެކްޓަރުގެ ސަރަޙައްދެއްގައި ވަނީ ރޯވެފައެވެ. އޭގެ އިތުރުން ފަހުގެ ތާރީޚެއްގައި ސްޕެއިންގައި ރޯވެފައި ނުވާވަރުގެ ބިޔަ އަލިފާންގަނޑެއް ވަނީ 44،000 ހެކްޓަރުގެ ސަރަޙައްދަކަށް ފެތުރިފައެވެ.