ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ދޫކުރަމުންދާކަން އެ ބޭންކުން ވިދާޅުވެއްޖެއެވެ. ބީއެމްއެލްއިން މިފަދައިން ވިދާޅުވީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "އިޤްތިޞާދު ހަމަމަގަށް" ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުންނެއެވެ.
ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓަޖީ، މުޙައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދާއި ބީއެމްއެލްއާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއްކަމަށެވެ. އިޤްތިޞާދީ ދުވެއްޔަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ބޭންކަށް ފޯރާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
ރާއްޖެއަކީ ބޭރުގެ ފައިސާއަށް ޚާއްޞަކޮށް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހޭ ޤައުމަކަށް ވުމާއެކު އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން ޚާއްޞަ އިސްކަމެއް ދޭކަމަށް ސަޢީދު ވިދާޅުވިއެވެ. އެގޮތުން ކާޑު މުޢާމަލާތްތަކާއި ޓީޓީ ހެދުމާއި އެހެން ބޭނުންތަކަށް ދުވާލަކު 2.7 މިލިޔަން ޑޮލަރު ދޫކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި އަހަރުގެ މިހާތަނަށް ރަސްމީ ރޭޓުގައި 570 މިލިޔަން ޑޮލަރު ވިއްކާފައިވާ އިރު ލޯނުގެ ގޮތުގައި 270 މިލިޔަން ޑޮލަރު ދޫކޮށްފައިވާ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
"އަޅުގަނޑު ފާހަގަކޮށްލާނަން މިދިޔަ އަހަރު އަހަރު ނިންމާލިއިރު ޓޯޓަލް އަޅުގަނޑުމެންނަށް ދޫކޮށްލެވުނީ 10 ބިލިޔަން ރުފިޔާގެ ލޯން. އެހެންނަމަވެސް މި 7 މަސް ދުވަހުގެ ތެރޭގައި 9 ބިލިޔަނާއި ގާތައް މިވަނީ އިޤްސާދާއި ވިޔަފާރިތަކާއި އާންމުންގެ ބޭނުމަށް ދޫކޮށްފައި" ސައީދު ވިދާޅުވެއްޖެއެވެ.
ސަޢީދު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 86 ޑޮލަރު އޭޓީއެމް މެދުވެރިކޮށް، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1.2 މިލިޔަން ޑޮލަރު ނަގަމުންދާކަމަށެވެ. ވޭތުވެދިޔަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައިކަން ސަޢީދު ފާހަގަކުރެއްވިއެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ޖުމްލަ 188 މިލިޔަން ޑޮލަރު އޭޓީއެމްތަކުން ނަގާފައިވާކަން ސަޢީދު ވިދާޅުވިއެވެ.
މީގެ ތިން އަހަރު ކުރިއާ އަޅާބަލާއިރު އޭރު މާލެ ސަރަހައްދުގައި ހުރި އޭޓީއެމްތަކުން ދުވާލެއްގެ މައްޗަށް ނަގަމުންދިޔައީ 6 ލައްކަ ޑޮލަރުކަން ސަޢީދު ފާހަގަކުރެއްވިއެވެ. ނަމަވެސް އަތޮޅުތެރެއަށް މި ޚިދުމަތް ފުޅާވެ ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހުމާއެކު މިހާރު މި އަދަދުތައް ވަނީ އެތައް ގުނައެއް އިތުރުވެފައިވާކަމަށް ސަޢީދު ވިދާޅުވިއެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި، ގައުމަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި އެ ބޭންކުން މުހިންމު ދައުރެއް ވަނީ އަދާކޮށްފައެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް 478 މިލިއަން ޑޮލަރު ވަނީ ފޯރުކޮށްދީފައެވެ. އަދި ޓެލެގްރަފިކް ޓްރާންސްފާ، ޓީޓީ މެދުވެރިކޮށް ފައިސާ ފޮނުވުމަށް އެހީތެރިވުމުގެ ގޮތުން، އަހަރުގެ ފުރަތަމަ 6 މަސްދުވަހު 166 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މީގެތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވި 311,722 ރެމިޓެންސް މުއާމަލާތް ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހިނގާފައިވަނީ 261,168 މުއާމަލާތެވެ.
މީގެ އިތުރުން، ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށްވެސް ބޮޑު ހޭދައެއްކޮށްފައިވާ ކަމަށް އެބޭންކުން ފާހަގަކުރެއެވެ. އެގޮތުން ފުރަތަމަ 6 މަހު ކާޑު މުއާމަލާތްތަކަށް 226 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިޔަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.