ޚަބަރު

ވަޒީރު ސަޢީދުގެ އިތުބާރުގެ މައްސަލަ: ބަހުސްކުރުމަށް 2 ގަޑިއިރު


  • ވަޒީރަށް ދިފާޢުގައި ވާހަކަދެއްކެވުމަށް 1 ގަޑިއިރު

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގެ ވަގުތުގެ ގޮތުގައި 2 ގަޑިއިރު ކަނޑައަޅައިފިއެވެ.

ވަޒީރު ސަޢީދުގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމަށް މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ 13 މެންބަރުންގެ ސޮޔާއެކުގައެވެ. މި މައްސަލަ މި މަހުގެ 1ވަނަ ދުވަހު ހުށަހަޅާފައިވާއިރު މައްސަލަ ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ ވަޒީރު ހަވާލުވެވަޑައިގެންފައިވާ މަސްއޫލިއްޔަތުތަކާއި ޚިލާފުވެފައިވާތީއާއި މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އަޅަމުންދާތީ ކަމަށް ބުނެއެވެ.

މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މި މައްސަލައިގައި ބަހުސް ކުރުމަށް ޖުމްލަ 2 ގަޑިއިރު ކަނޑައެޅުމަށް ވަނީ ފާސްކޮށްފައެވެ. އެއީ ވަޒީރަށް ދިފާޢުގައި ވާހަކަދެއްކުމަށް ދޭ 1 ގަޑިއިރާއި މަޖިލީހުގެ ގަވާއިދުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ބަހާލައިގެން ބަހުސް ކުރުމަށް ދޭ 1 ގަޑިއިރެވެ.

މި ދައުރުގެ ތެރޭގައި ދައުލަތުގެ ދެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަތަކެއް އެމްޑީޕީގެ ޕީޖީން މަޖިލީހަށް ވެއްދިއެވެ. ނަމަވެސް އެ ދެ މައްސަލައިގައިވެސް މަޖިލީހުން ފާސްކުރީ ވަޒީރުންނަށް އިތުބާރު އޮތް ކަމަށެވެ.