ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި މަސައްކަތްކުރާ ނޫސްވެރިންނާއި މީޑިއާ އެހީތެރިންނަށް އަމާޒުކޮށް ޔަހޫދީ ސިފައިންނާއި ހައްދުފަހަނަ އެޅި ޔަހޫދީ ވަޒަންވެރިން ޖުލައި މަހުގެ ތެރޭގައި 108 ހަމަލާއެއް ދީފައިވާ ކަން ފަލަސްޠީނުގެ ނޫސްވެރިންގެ ޖަމުޢިއްޔާއިން ހާމަކޮށްފިއެވެ. އެ ޖަމުޢިއްޔާގެ މިނިވަންކަމާ ބެހޭ ކޮމިޓީން ބުނީ، ޔަހޫދީ ސިފައިންނާއި ވަޒަންވެރިން ހިންގާފައިވާ ޖަރީމާތަކުގެ ތެރޭގައި ނޫސްވެރިން ހައްޔަރުކުރުމާއި، އަނިޔާކުރުމާއި، ހުއްޓުވައި ސުވާލުކުރުމާއި، ޚަބަރު ފެތުރުމަށް ހުރަސްއެޅުމުގެ އިތުރުން ވަސީލަތްތައް އަތުލައިގަތުމާއި، އެ ތަކެއްޗަށް ގެއްލުންދިނުން ހިމެނޭ ކަމުގައެވެ. މިއީ، އަސްކަރީ ރޭޑުތަކާއި ވަޒަންވެރިންގެ އަނިޔާވެރިކަމުގެ މަންޒަރުތައް ރެކޯޑުކޮށް، ދުނިޔެއަށް ހާމަކޮށްދިނުމަށް ކުރަމުންދާ ހިތްވަރުގަދަ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ނިޒާމީ ގޮތުން ރާވައިގެން ހިންގާ ޖަރީމާތަކެއްގެ ގޮތުގައި އެ ޖަމުޢިއްޔާއިން ސިފަކުރެއެވެ.
އެންމެ ގިނައިން ރެކޯޑު ކުރެވިފައި ވަނީ ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ މުވައްޒަފުން ހައްޔަރުކޮށް، ޚަބަރު ފެތުރުމަށް ހުރަސްއެޅުމުގެ މައްސަލަތަކެވެ. ޖުލައި މަހު މި ފަދަ 58 މައްސަލަ ރެކޯޑު ކުރެވިފައިވެއެވެ. މީގެ ތެރެއިން، ނޫސްވެރިންނަށް އަމާޒުކޮށް ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ދީފައިވާ 11 ހަމަލާއެއް ފާހަގަކުރެއެވެ. ޔަހޫދީ ވަޒަންވެރިންގެ ޖަރީމާތަކުގެ ތެރޭގައި ނޫސްވެރިންނަށް ހަމަލާ ދިނުމާއި، ޖިސްމާނީ އަނިޔާ ދިނުމާއި، އިންޒާރު ދިނުން ހިމެނެއެވެ. މީގެ އިތުރުން، ޔަހޫދީ ސިފައިން ވަނީ 12 ހާދިސާއެއްގައި ނޫސްވެރިންނަށް 'ސްޓަން ގްރިނޭޑް' ނުވަަތަ ބޮމާއި ކަރުނަ ގޭސް ބޭނުން ކޮށްފައެވެ. އެ ހާދިސާތަކުގައި ނޫސްވެރިންނަށް ޞިއްޙީ ފަރުވާ ދޭން ޖެހުނެވެ.
މީގެ އިތުރުން، ޣައްޒާގައި ޚިދުމަތް ކުރަމުންދާ ނޫސްވެރިންނަށް ވެސް ޔަހޫދީ ސިފައިން ދަނީ ނިރުބަވެރި ހަމަލާތައް އަމާޒު ކުރަމުންނެވެ. މި ގޮތުން، ޖުލައި މަހުގެ ތެރޭގައި ހަ ނޫސްވެރިއަކު ހައްޔަރުކޮށް، އަނިޔާކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު ނޫސްވެރިއަކަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އަދި، ނޫސްވެރިންގެ ގެދޮރާއި އޮފީސްތަކަށް ރޭޑުޖެހުމުގެ ހަތަރު ހާދިސާ ރެކޯޑު ކުރެވިފައިވާއިރު، ޔަހޫދީ ސިފައިން ވަނީ އެއް މީޑިއާގެ އޮފީސް ބަންދުކޮށް، ތިން ތަނެއްގައި ހުރި މުދަލަށް ގެއްލުން ދީފައެވެ. މަސްޖިދުލްއަޤްޞާގައި ހަރަކާތްތެރިވަމުން ދިޔަ ދެ ނޫސްވެރިއަކާ ދެކޮޅަށް ވެސް ޔަހޫދީ ސިފައިން އަނިޔާވެރިކަން އިސްކޮށްފައިވެއެވެ. މި ފަދަ އަނިޔާވެރިކަމާއި އިންޒާރުތަކާ ނުލައި ނޫސްވެރިންނަށް މަސައްކަތް ކުރުމުގެ ފުރުޞަތު ދިނުމަށާއި، މި ފަދަ ޖަރީމާތަކުގައި މަސްއޫލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ވެސް ފަލަސްޠީނުގެ ނޫސްވެރިންގެ ޖަމުޢިއްޔާއިން ވަނީ ގޮވައިލާފައެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރުގައި ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ތެރެއިން 270 އަށްވުރެ ގިނަ ނޫސްވެރިން ޝަހީދު ކޮށްލާފައިވާ ކަން ތަފާސްހިސާބުތަކުން ހާމަވެއެވެ. އޭގެ ތެރޭގައި، އަލް ޖަޒީރާގެ 12 ނޫސްވެރިން ހިމެނެއެވެ. މީގެ އިތުރުން، ޤަތުލުޢާންމުގެ ޚަބަރުތައް ދުނިޔެއަށް ހާމަކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ނޫސްވެރިންގެ އަޑު ކަނޑުވައިލައި، އެ ކަމަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީން ދަނީ ބޮޑެތި ޖަރީމާތަކެއް ހިންގަމުންނެވެ.