ޚަބަރު

ހުޅަނގު އައްސޭރީގައި އިތުރު ގެތަކެއް އަޅަން ޔަހޫދީން ތައްޔާރުވަނީ


ޔަހޫދީ ދައުލަތުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހުރި ޤާނޫނާ ޚިލާފު ޔަހޫދީ އާބާދީއެއް ކަމަށްވާ "ކޮޗަވް ޔާކޯވް" ފުޅާކުރުމަށްޓަކައި، 627 އައު ހައުސިންގ ޔުނިޓް ބިނާކުރުމުގެ ބޮޑު މަޝްރޫޢެއް ޔަހޫދީ ދައުލަތުން އިޢުލާނުކޮށްފިއެވެ.

ޔަހޫދީ އާބާދީތައް ފަލަސްޠީނުގެ ބިންތަކުގައި ބިނާކުރުމާ ދެކޮޅަށް މަސައްކަތްކުރާ، ފަލަސްޠީނުގެ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓަންސް ކޮމިޝަން (ސީއާރްއާރްސީ)އިން ހާމަކޮށްފައިވާ ގޮތުގައި، ޔަހޫދީ ދައުލަތުގެ ބިމާބެހޭ އިދާރާއިން މި ޓެންޑަރު ޢާންމުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރަމަﷲ އާއި އަލް-ބީރާ ގަވަރނަރޭޓްގެ ބިމެއްގައި ކުރިއަށްގެންދާ މި މަޝްރޫޢަށް ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރު މަހުގެ30 ވަނަ ދުވަހެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަން ޔަހޫދީ ދައުލަތުން ފާސްކުރިތާ އެންމެ 15 މަސްދުވަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާތީ، ސީއާރްއާރްސީން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އެ ކޮމިޝަނުން ބުނާ ގޮތުގައި މިއީ ޤުދުޞްއާއި އެ ރަށުގެ ވަށައިގެންވާ ފަލަސްޠީނުގެ ސަރަޙައްދުތައް އެކަހެރިކޮށް، އިސްތިޢުމާރުކުރުމަށް ޔަހޫދީ ދައުލަތިން ހިންގާ ހީލަތްތެރި ޖަރީމާއެކެވެ.

ގާތްގަނޑަކަށް 63 އޭކަރުގެ ބޮޑު ސަރަޙައްދެއްގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން، ޔަހޫދީން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޤާނޫނާ ޚިލާފަށް ބިނާކޮށްފައިވާ ޔަހޫދީންގެ އާބާދީތައް އިތުރަށް ބޮޑުވެ، އެ ތަންތަނުގެ އިޤްތިޞާދީ ވަޞީލަތްތައް ވަރުގަދަވެގެންދާނެ ކަމަށް މާހިރުން ފާހަގަކުރެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ޔަހޫދީ ދައުލަތުން ވަނީ ޤާނޫނާ ޚިލާފު ޔަހޫދީ އާބާދީތަކާ ގުޅޭ 12 ޓެންޑަރެއް ހުޅުވާލާފައެވެ. މީގެ ތެރޭގައި 1,138 ހައުސިންގ ޔުނިޓުގެ އިތުރުން ސިނާޢީ ސަރަޙައްދުތަކާއި ފަތުރުވެރިކަމުގެ ވަޞީލަތްތައް ބިނާކުރުން ހިމެނެއެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީން ހިންގާ މިފަދަ ޙަރަކާތްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އެއްވެސް ޞައްޙަކަމެއް ނެތް ޢަމަލުތަކެއް ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އަދި ބައިނަލްއަޤުވާމީ ކޯޓު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް ވަނީ ފަލަސްޠީނުގެ ބިމުގައި ޔަހޫދީން ދަމަހައްޓަމުންދާ އިސްތިއުމާރީ ބާރަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ކަނޑައަޅައިފައެވެ.