ޚަބަރު

ދުވާލަކު އެވްރެޖްކޮށް 7 އެކްސިޑެންޓް، ދުއްވާއިރު އިތުރަށް ސަމާލުވޭ!


  • ފާއިތުވި 6 މަހު 1،355 އެކްސިޑެންޓު ހިނގާފައިވޭ

  • ދުއްވާއިރު އިތުރަށް ޒިންމާދާރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް

މާލެ ސަރަހައްދަކީ، އާބާދީގެ ތޮއްޖެހުމާއި އެއްގަމު އުޅަނދުފަހަރުގެ އަދަދު އިތުރުވުމުގެ ސަބަބުން އިންތިހާއަށް ކާރުބާރު ބޮޑު ސަރަހައްދެކެވެ. ހަނި މަގުތަކާއި ކުދި ގޯޅިތަކުގެ އިތުރުން ބުރިޖާއި ހައިވޭގައި ކުރިމަތިވާ ޓްރެފިކް ތޮއްޖެހުމަކީ، އަބަދުވެސް ދިމާވަމުންދާ ބޮޑު ގޮންޖެހުމެކެވެ. މި ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދަކީ، ނުރައްކާތެރި ގިނަ އެކްސިޑެންޓުތަކެއް ހިނގަމުންދާ އަދި މިފަދަ ހާދިސާތަކުގެ ނުރައްކާ ބޮޑު ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގެ އެކްސިޑެންޓުތައް އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ދާދިފަހުން ވަނީ، މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު މާލެ ސަރަހައްދުގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ ތަފްސީލީ މައުލޫމާތު ހިއްސާކޮށްފައެވެ.

ފުލުހުންގެ ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މާލޭގެ އިތުރުން ބްރިޖާއި ހައިވޭގައި ޖުމްލަ 1،355 އެކްސިޑެންޓް ރެކޯޑު ކުރެވިފައިވެއެވެ. ގާތްގަނޑަކަށް ބުނާނަމަ ކޮންމެ ދުވަހަކުވެސް 7 ނުވަތަ 8 އެކްސިޑެންޓް ހިނގައެވެ.

މި އެކްސިޑެންޓުތަކުގެ ބޮޑު އިންސައްތައެއް ހިނގާފައިވަނީ، މާލޭގެ މަގުތަކުގައެވެ. ޖުމްލަ އެކްސިޑެންޓުތަކުގެ 83.25 އިންސައްތަ މާލޭގައި ހިނގާފައިވާއިރު، ބްރިޖާއި ހައިވޭ ސަރަހައްދުގައި ރެކޯޑު ކުރެވިފައިވަނީ 16.75 އިންސައްތައެވެ. މި ތަފާސްހިސާބުތަކުން ހިނގާ ކޮންމެ 5 އެކްސިޑެންޓަކުން 4 އަށްވުރެ ގިނަ އެކްސިޑެންޓް ހިނގަނީ މާލޭގެ އެތެރޭގައިކަން ހާމަވެއެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން އެކްސިޑެންޓް ހިނގީ، ޖަނަވަރީ މަހުއެވެ. އެ މަހު 253 އެކްސިޑެންޓް ރެކޯޑު ކުރެވުނެވެ.

އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ، ފެބްރުއަރީ މަހުއެވެ. އެއީ، 191 އެކްސިޑެންޓެވެ. ނަމަވެސް ފެބްރުއަރީ މަހަށްފަހު މާރިޗު މަހު ވަނީ، އަނެއްކާވެސް އެކްސިޑެންޓުގެ އަދަދު 23.56 އިންސައްތަ އިތުރުވެފައެވެ. މާރިޗުމަހު 236 އެކްސިޑެންޓު ހިނގާފައިވެއެވެ. އެޕްރީލް މަހު 232 އެކްސިޑެންޓް އަދި މެއި މަހު 238 އެކްސިޑެންޓް ހިނގާފައިވާއިރު، ޖޫން މަހު ވަނީ 205 އެކްސިޑެންޓަށް އަދަދު މަދުވެފައެވެ.

ތަފާސްހިސާބުތަކުން ހާމަވާ އަނެއް މުހިންމު ކަމަކީ، ގިނަ އެކްސިޑެންޓުތައް ހިނގަނީ ދުވާލުގެ ވަގުތުތަކުގައި ކަމެވެ. ރެކޯޑު ކުރެވިފައިވާ އެކްސިޑެންޓުތަކުގެ 66.49 އިންސައްތަ ހިނގާފައިވަނީ ދުވާލުއެވެ. މިއީ، ރޭގަނޑުގެ ވަގުތުތަކުގައި ހިނގާފައިވާ އެކްސިޑެންޓުތަކާއި އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.

އެކްސިޑެންޓުތަކުގައި ލިބުނު އަނިޔާތަކަށް ބަލާލާއިރު 1،322 މައްސަލައެއްގައި ކުދި އަނިޔާ ލިބިފައިވާއިރު، 31 މައްސަލައެއްގައި ސީރިއަސް އަނިޔާތައް ލިބިފައިވެއެވެ. ހިތާމައަކީ، މި ހަ މަސް ދުވަހުގެ ތެރޭގައި ހިނގި އެކްސިޑެންޓުތަކުގައި 2 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމެވެ. މީގެ އިތުރުން 1،482 އުޅަނދަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ މި ތަފާސްހިސާބުތަކަކީ، ކޮންމެ މީހަކުވެސް ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ. މަގުމަތީގެ ނުރައްކާތެރި ހާދިސާތަކަކީ، މުޖުތަމައުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ. އެކްސިޑެންޓުތައް މަދުކޮށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ، މަގުމަތީގައި ދަތުރު ކުރާ ހުރިހާ ފަރާތްތަކުންވެސް ޓްރެފިކް ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ދުއްވާއިރު ސަމާލުކަން އިތުރު ކޮށްގެންނެވެ. އަމިއްލަ ފުރާނައާއި އަނެކުންގެ ސަލާމަތަށްޓަކައި، ދުއްވާއިރު ޒިންމާދާރުވުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.