ކުރިއަށް އޮތް ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ތާއީދު ކުރާނަމަ 2030ގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މޮރޮކޯގައި ކުޅުމުގެ ފުރުސަތު ދޭން އޭނާ ހުށަހަޅައިފި އެވެ.
2030ގެ ވޯލްޑް ކަޕް ބާއްވާނީ މޮރޮކޯ އާއި ސްޕޭނާއި ޕޯޗުގަލް ގުޅިގެންނެވެ. ނަމަވެސް ޔޫރަޕުގެ ތާއީދު އިންފަންޓީނޯ އަށް ނެތްއިރު އެފްރިކާގެ ގައުމުތަކުން ތިބީ އޭނާގެ ފަހަތުގަ އެވެ. މިހާތަނަށް ވޯލްޑް ކަޕް 2030ގެ ފައިނަލް މެޗު ކުޅުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދިޔައީ ސްޕޭނުންނެވެ. މެޗު ކުޅެން ވިސްނަމުންދިޔައީ ސްޕޭނުގެ އެންމެ ބޮޑު ދެ ކުލަބު ކަމަށްވާ ރެއާލް މެޑްރިޑް ނުވަތަ ބާސެލޯނާގެ ދަނޑުގަ އެވެ. ނަމަވެސް އިންފަންޓީނޯ މޮރޮކޯގައި ހުންނަ ފީފާގެ އޮފީހުގައި އެ ޖަމާއަތުގެ އިދާރީ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ފައިނަލް މެޗު މޮރޮކޯގެ މުހައްމަދު ސްޓޭޑިއަމުގައި ކުޅުމުގެ ހިޔާލުވަނީ ދީފަ އެވެ.
ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ އިންފަންޓީނޯއާ ޔޫރަޕުން ދެކޮޅު ހެދުމުން އެކަމުގެ ބަދަލުގައި ބޮޑު ގެއްލުމެއް ދިނުމުގެ ގޮތުން ކުރި ކަމެކެވެ. ވޯލްޑް ކަޕާއި ފީފާގެ އެހެން މުބާރާތްތައް ހިންގަން ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް ހަދައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް 20 ޕަސެންޓް ހިއްސާދޭން ހުށަހެޅި މައްސަލާގައި ޔޫރަޕުން މިހާރު ބޭނުންވަނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމަށެވެ. އަދި ޔޫރަޕާއި ކޮންކާކަފާއި އޭޝިޔާގެ ގިނަ ގައުމުތަކުން ތިބީ އަންނަ މާޗު މަހު ބާއްވާ ފީފާގެ އިންތިހާބުގައި އޭނާ އަށް ތާއިދު ކުރާ ގޮތަކަށް ވެސް ނޫނެވެ.
މޮރޮކޯއަށް ފައިނަލް މެޗުގައި ކުޅުމުގެ ފުރުސަތުދޭން އިންފަންޓިނޯ ގަސްތު ކުރުމާއެކު ސްޕޭނުން ވަނީ އޭނަ އަށް ވަރަށް ބޮޑަށް ފާޑު ކިޔައި ރައްދުދީފަ އެވެ.