ފީފާގެ ރައީސް ކަމުގެ ދަހިވެތިކަމުގައި ޖިއާނީ އިންފަންޓީނޯ މެމްބަރު ގައުމުތަކަށް ބިރުދައްކައި ހެދި ކަމަށް ޖޯޑަން އިން ބުނެފި އެވެ.
އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ފްރިންސް އަލީ ވިދާޅުވީ ފީފާގެ ރައީސް ކަމުގެ ހަތަރު ވަނަ ދައުރަކަށް އިންފަންޓީނޯ އަށް ތާއީދު ކުރާކަން އާއްމުކޮށް އިއުލާނު ކުރުމުން ނޫނީ ފީފާއިން ޖޯޑަން އަށް ދޭން ޖެހޭ ފައިސާ ނުދީ ހިފަހައްޓާފައިވާ ކަމަށެވެ.
ފީފާގެ ރައީސް ކަމަށް އިންފަންޓީނޯއާ ވާދަކުރައްވަން 2016 ވަނަ އަހަރު މަސައްކަތް ކުރެއްވި އަލީ ވިދާޅުވީ ފީފާއިން ހުސްވި އަހަރު ބޭއްވި އަރަބް ކަޕްގެ އިނާމް ފައިސާ އާއި ވޯލްޑް ކަޕަށް ތައްޔާރުވާން ޖޯޑަން އަށް ލިބެން ޖެހޭ ފައިސާ ވެސް އިންފަންޓީނޯ ނުދީ ލަސްކުރި ކަމަށެވެ.
"އޭނާ ބޭނުންވީ އަހަރެން އޭނަ އަށް ފީފާގެ ރައީސް ކަމަށް ތާއީދު ކުރާކަން ބުނަން. އެކަން ކުރީމަ ނޫނީ ފައިސާ ނުދޭނެ ކަމަށް ބުނެފައި އޮތީ. މިފަދަ ބްލެކްމެއިލް ކުރުންތަކުގެ ތެރޭގައި ފީފާ އެ އޮންނަނީ،" އަލީ ވިދާޅުވި އެވެ.
ޖޯޑަން އަކީ އިންފަންޓީނޯ އަށް ތާއީދު ނުކުރާނެކަން އިއުލާނު ކުރި އޭޝިޔާގެ ފުރަތަމަ ގައުމެވެ. އޭޝިޔާގެ މައި ފުޓްބޯޅަ ޖަމާއަތުން އިންފަންޓީނޯއަށް ތާއީދު ނުކުރާނެކަން ފާޅުގައި ބުނެފައިނުވާއިރު އޭޝިޔާގެ ގައުމުތައް ވަނީ ދެބަޔަކަށް ބެހިފައި ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެ އެވެ. ސަބަބަކީ އޭޝިޔާގެ ކުދި ގައުމުތަކާއި ބައެއް ބޯޑެތި ގައުމުތަކާއެކު އިންފަންޓީނޯ ވަރަށް ގާތް ގުޅުމެއް ބާއްވާފައިވުމެވެ. ނަމަވެސް ޔޫރަޕާއި ކޮންކާކަފްއިން އޭނާއާ ދެކޮޅުވުމުން މިހާރު ވެސް ފީފާގެ މެމްބަރު 211 ގައުމުގެ ތެރެއިން 91 ގައުމު އޭނަ އަށް ވޯޓު ނުދޭނެކަން ޔަގީން ކުރެވެ އެވެ. އޭނާ މަގާމުން ދުރުކުރަން ބޭނުންވަނީ 106 ވޯޓެވެ. މިއީ ހާސިލްވުން ވަރަށް ގާތް ޓާގެޓެއް ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ.
އިންފަންޓީނޯ އަށް އިތުބާރު ނެތިގެން އުޅެނީ ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް އުފައްދައި ވިޔަފާރިވެރިންނަށް 20 ޕަސެންޓް ހިއްސާ ވިއްކާލަން އުޅުމުންނެވެ. ގިނަ ބަޔަކު މިކަން ސިފަ ކުރަނީ އަމިއްލަ އެދުމާއި ފުޓްބޯޅައިގެ މިނިވަންކަން ވިއްކާލުން ފަދަ ކަމެއްގެ ގޮތުގަ އެވެ.