ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި މިދިޔަ ޖޫން މަހު 57.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ހާމަކުރައްވައިފިއެވެ. އެ އެޖެންސީން ވަނީ މިއަހަރުގެ އޭޕްރިލް، މެއި އަދި ޖޫން މަހުގެ ތަފްސީލީ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.
އެންސްޕާގެ ދަފްތަރުގައިވާ ގޮތުން، ޖޫން މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ 15,652 މީހުން ރަޖިސްޓްރީވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ، 9,046 ފިރިހެނުންނާއި 6,606 އަންހެނުންނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު މަހުން މަހަށް އިތުރުވަމުންދާއިރު، އޭޕްރިލް މަހު 15,403 މީހުން އަދި މެއި މަހު 15,425 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
ތެރަޕިއުޓިކް ފަރުވާގެ ޚަރަދުތަކަށް ބަލާއިރު، ޖޫން މަހު 7 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މި ފަރުވާތަކަށް މެއި މަހު 12.7 މިލިޔަން ރުފިޔާ ޚަރަދު ކުރިއިރު، އޭޕްރިލް މަހު ޚަރަދު ކޮށްފައިވަނީ 7 މިލިޔަން ރުފިޔާއެވެ. އާއިލީ އެހީތެރިކަމެއްނެތި ކުދިން ބަލަހައްޓާ ފަރާތްތަކަށް ދޭ އެހީގެ ދަށުން، ޖޫން މަހު 98 ބެލެނިވެރިންނަށާއި 132 ކުދިންނަށް 181,000 ރުފިޔާ ދޫކޮށްފައިވެއެވެ. މެއި މަހުވެސް މި އަދަދަށް ފައިސާ ދޫކޮށްފައިވާއިރު، އޭޕްރީލް މަހު 102 ބެލެނިވެރިންނަށާއި 138 ކުދިންނަށް 189,000 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދޭ އެހީގެ ދަށުން، އޭޕްރީލް އަދި މެއި މަހު 706 ފަރާތަކަށް 26,040 ރުފިޔާ ދޫކޮށްފައިވެއެވެ. ޖޫން މަހު މި އެހީ ދީފައިވަނީ، 659 ފަރާތަކަށް 26,360 ރުފިޔާއެވެ.
އޭޕްރިލް މަހު: 15,146 ފަރާތަކަށް 55 މިލިޔަން ރުފިޔާ
މެއި މަހު: 15,169 ފަރާތަކަށް 56 މިލިޔަން ރުފިޔާ
ޖޫން މަހު: 15,414 ފަރާތަކަށް 57 މިލިޔަން ރުފިޔާ
ފަޤީރު ހާލަތުގައި ދަރިން ބަލަހައްޓަމުންދާ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ މާލީ އެހީތެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި މި އެހީ ލިބޭ ފަރާތްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އޭޕްރީލް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަލަށް 81 ބެލެނިވެރިންނަށާއި، 147 ކުޑަކުދިން އެހީއަށް ރަޖިސްޓްރީކޮށްފައިވެއެވެ. އެ މަހު ޖުމްލަ 3,131 ބެލެނިވެރިންނަށާއި، 5,364 ކުޑަކުދިންނަށް އެހީގެ ގޮތުގައި 16.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މެއި މަހުގެ ތެރޭގައި އަލަށް 72 ބެލެނިވެރިއަކާއި 131 ކުޑަކުދިން ރަޖިސްޓްރީ ކޮށްފައިވާއިރު، އެ މަހު ޖުމްލަ 3,160 ބެލެނިވެރިންނަށާއި 5,407 ކުޑަކުދިންނަށް 16.2 މިލިއަން ރުފިޔާގެ މާލީ އެހީ ދީފައިވެއެވެ.
ޖޫން މަހަށް ބަލާލާއިރު، އަލަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު ވަނީ ނިސްބަތުން އިތުރުވެފައެވެ. އެގޮތުން 115 ބެލެނިވެރިންނާއި 218 ކުޑަކުދިން އަލަށް ރަޖިސްޓްރީ ކޮށްފައިވެއެވެ. މި މަހު ޖުމްލަ 3,240 ބެލެނިވެރިންނަށާއި، 5,551 ކުޑަކުދިންނަށް އެހީގެ ގޮތުގައި 16.6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.