ވިޔަފާރި

މީރާ މެދުވެރިކޮށް ދައުލަތަށް 3.46 ބިލިއަން ރުފިޔާގެ އާމްދަނީއެއް


މިއަހަރުގެ ތިންވަނަ ކުއަރޓަރގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާ މެދުވެރިކޮށް ދައުލަތަށް 3.46 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މި އަދަދަކީ މިއަހަރުގެ 3 ވަނަ ކުއާޓަރގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ އަދަދު ކަމަށްވާ، 3.72 ބިލިއަން ރުފިޔާ އާއި އަޅާބަލާއިރު 7 އިންސައްތަ ދަށް ޢަދަދެކެވެ. ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބްތައް ދައްކާގޮތުން މިއަހަރުގެ 3 ވަނަ ކުއާޓަރގައި ލިބުނު އާމްދަނީގެ އަދަދަކީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓާރ އާއި އަޅާބަލާއިރު، 5.8 އިންސައްތަ ދަށް ޢަދަދެކެވެ.

މިއަހަރުގެ 3 ވަނަ ކުއާޓާރގައި ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރަނީ، މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް، ޖީއެސްޓީއިންނެވެ. އެއީ ޖުމްލަ ޢާމްދަނީގެ 38.3 އިންސައްތައެވެ. އެ ކުއާޓާރގައި ޖީއެސްޓީގެ ގޮތުގައި 1.32 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެން ނަމަވެސް އެ އަދަދަކީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓާރއާ އަޅާ ބަލާއިރު 2.2 އިންސައްތަ ދަށް ޢަދަދެކެވެ.

ޓޫރިޒަމް ބިން ކުއްޔަށް ދީގެން 3 ވަނަ ކުއާޓާރގައި 360 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިޢަދަދަކީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓާއާއި އަޅާ ބަލާއިރު، 36.9 އިންސައްތަ އިތުރު ޢަދަދެކެވެ. ނަމަވެސް މިއީ ލިބޭނެ ކަމަށް ލަފާކުރި ޢަދަދު ކަމަށްވާ 423 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު، 5.7 އިންސައްތަ ދަށް ޢަދަދެކެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 3 ވަނަ ކުއާޓާރގައި 122.91 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރގައި ލިބިފައިވާ 121.44 މިލިއަން ޑޮލަރާ އަޅާބަލާއިރު 1.2 އިންސައްތަ އިތުރު ޢަދަދެކެވެ.

މިއަހަރުގެ 3 ވަނަ ކުއާޓާރގެ ވަކިވަކި މަސްތަކަށް ބަލާއިރު، އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ ޢަދަދު ހާސިލްވެފައިވެއެވެ. އެހެން ނަމަވެސް ޖުލައި މަހު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ އަދަދު ހާސިލްވެފައެއް ނުވެއެވެ.