22 ވަނަ ކޮމަންވެލްތު ޓޭބަލް ޓެނިސް ޗެންޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމުން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
މިމަހު 27 އިން އަންނަމަހުގެ 2 އަށް އިންޑިއާގެ ދިއްލީގައި ކުރިއަށްދާ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ހަތްވަނަ ހޯދާފައެވެ. އަދި ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޓީޓީ ޓީމުން ވަނީ އަށްވަނަ ހޯދާފައެވެ.
މިކަން ފާހަގަކޮށް ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ބުނީ، މިއީ މި ގޭމްސްގެ ތާރީޚުގައި ވެސް ރާއްޖެއިން ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.
މި ތާރީޚީ ކާމިޔާބީއާ ގުޅިގެން އެ އެސޯސިއޭޝަނުން ވަނީ ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށާއި ކޯޗުންނާއި އަދި ޓީމް މެނޭޖްމަންޓަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައެވެ. އަދި ފަހުރުވެރިކަމާއެކު ރާއްޖެ ތަމްސީލުކުރުމަށް މި ހުރިހާ ފަރާތްތަކުން ކުރި ބުރަ މަސައްކަތް ފާޙަގަކޮށް، އެކަމަށް އެ އެސޯސިއޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އިންޑިއާގެ ދިއްލީގެ ތިޔަގްރާޖް ސްޓޭޑިއަމްގައި ކުރިއަށްދާ 22 ވަނަ ކޮމަންވެލްތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ވާދަކުރާ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު ޝައްފާން އިސްމާއިލް، މޫސާ މުންސިފް އަހްމަދު، އަޚްޔާރް އަހްމަދު ޚާލިދް، މުހައްމަދު އާލް އިމްރާން، ފާތިމަތު ދީމާ ޢަލީ، ޢާއިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް، ޢާއިޝަތު އަލްސާ ނާފިޒްއެވެ.
މުބާރާތުގައި ބުރާސްފަތި ދުވަހު ރާއްޖޭގެ އެތުލީޓުން ކުޅުނު ބައެއް މެޗުތަކަށް ބަލާލާއިރު، މިކްސްޑް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އެންމެ މޮޅު ޓީޓީ ކުޅުންތެރިޔާ ދީމާ އާއި ޝައްފާންގެ ޕެއާއިން ވަނީ ޒަމްބިއާގެ ކުޅުންތެރިންނާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފައެވެ.
ސިންގަލްސް އިވެންޓަށް ބަލާލާއިރު، ވިމެންސް ސިންގަލްސްގައި ދީމާ ވަނީ އިންގްލެންޑުގެ ކުޅުންތެރިއަކާ ވާދަކޮށް ތިން ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. އަދި މިޝްކާ ވަނީ ކެންޔާގެ ކުޅުންތެރިއަކާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ރާއްޖޭގެ ރަފާ އާއި އަލްސާވެސް ވަނީ އެ ދެ ކުޅުންތެރިން ކުޅުނު އެއް މެޗު ކާމިޔާބުކޮށްފައެވެ.
ފިރިހެނުންގެ ސިންގަލްސްގައި ޝައްފާން، މުންސިފް އަދި އަޚްޔާރު ވަނީ ބުރާސްފަތި ދުވަހު ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. އަދި އާލް ވަނީ ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްފައެވެ.
ކޮމަންވެލްތް ޓީޓީ ޗެންޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ފަރިތަކުރާތާ ގާތްގަނޑަކަށްވަނީ މަހެއްހާ ދުވަސްވެފައެވެ. އެގޮތުން ޓީމަށް އިރުޝާދު ދިނުމުގެ ގޮތުން އިންޑިއާގެ ކޯޗަކާއި ކުޅުންތެރިޔަކު ޓީމާއެކު ފަރިތަކުރުންތަކުގައިވަނީ ބައިވެރިވެފައެވެ.
މިމުބާރާތުގެ ސަބަބުން ރާއްޖޭގެ ކުޅުންތެރިންނަށް ކުރިއެރުންތަކެއް އަންނާނެކަމަށް ގަބޫލުކުރާކަމަށް ޓީޓީ އެސޯސިއޭޝަނުންވަނީ ބުނެފައެވެ.
22 ވަނަ ކޮމަންވެލްތް ޓީޓީ ޗެންޕިއަންޝިޕަކީ ދިއްލީ ގަވަރމަންޓް އޮފް ޓޭބަލް ޓެނިސް އަދި ޓޭބަލް ޓެނިސް ފެޑެރޭޝަން އޮފް އިންޑިއާ ގުޅިގެން އިންތިޒާމުކުރާ މުބާރާތެކެވެ. މިމުބާރާތުގައި 35 ގައުމަކުން އެތުލީޓުން ވާދަކުރެއެވެ.