ޚަބަރު

އޭޝިއަން ބޭންކަރސް ކޮންފަރެންސް ސެޕްޓެންބަރު 1ގައި


  • މި ކޮންފަރެންސް އޮންނާނީ ސެޕްޓެމްބަރު މަހުގެ 1 އިން 3 އަށް ކުރުނބާ މޯލްޑިވްސްގައި

  • މިއީ އޭބީއޭގެ ކޮންފަރެންސެއް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރު

އޭޝިއަން ބޭންކަރސް އެސޯސިއޭޝަން، އޭބީއޭގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް، މިއަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ބީއެމްއެލް ނިންމައިފިއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 1 އިން 3 އަށް ކުރުނބާ މޯލްޑިވްސްގައެވެ.

މިއީ އޭބީއޭގެ ކޮންފަރެންސެއް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރުވެސް ބީއެމްއެލް އިން ވަނީ މި ކޮންފަރެންސް ރާއްޖޭގައި ކާމިޔާބުކަމާއެކު ބާއްވާފައެވެ. ދެވަނަ ފަހަރަށް މި ފުރުސަތު ބީއެމްއެލްއަށް ލިބުމަކީ އޭޝިއާގެ ބޭންކިންގ ދާއިރާގައި އެ ބޭންކުގެ އިތުބާރާއި ލީޑަރޝިޕް ވަރުގަދަވަމުންދާކަމުގެ ހެއްކެއް ކަމަށް ބީއެމްއެލްއިން ދެކެއެވެ.

ބީއެމްއެލްއިން ވިދާޅުވީ މި ކޮންފަރެންސްގައި އޭބީއޭގެ މެންބަރު ޤައުމުތަކުގެ ބޭންކުތަކުގެ ސީއީއޯއިންނާއި، ސީނިއަރ އެގްޒެކްޓިވުންގެ އިތުރުން މާލީ ދާއިރާގެ ބައިނަލްއަޤްވާމީ މާހިރުން ބައިވެރިވާނެކަމަށެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްވެ، ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އައު ފުރުސަތުތަކުގެ އިތުރުން މާލީ ދާއިރާގެ މުސްތަޤްބަލާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.

ރާއްޖޭގައި މި ކޮންފަރެންސް ބީއެމްއެލް އިން ބާއްވާނެކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު ބޫޓާނުގައި ބޭއްވި އޭބީއޭގެ 41 ވަނަ ކޮންފަރެންސްގައެވެ. މި ބައްދަލުވުމުގެ ތެރެއިން ބީއެމްއެލްއަށް ލިބުނު އަނެއް ބޮޑު ކާމިޔާބީއަކީ، އެ އެސޯސިއޭޝަންގެ ވައިސް ޗެއަރމަންގެ މަގާމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އައްޔަންކުރެއްވުމެވެ.