ހަރުދަނާ މާލީ ނަތީޖާއެއް ހޯދާ، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަަށް ރެކޯޑު ކުރިއެރުމެއް ލިބިއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިކަން ހާމަކޮށްފައިވަނީ އެ ބޭންކުން ނެރުނު މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ނަތީޖާގެ ރިޕޯޓުގައެވެ. މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.3 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެކަނި ދެވަނަ ކުއާޓަރުގައި ވެސް ސާފު ފައިދާގެ ގޮތުގައި 647 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި، މިއީ ވޭތުވެދިޔަ އަހަރުތަކުގައި ބޭންކުން ހޯދަމުން އައި ކާމިޔާބީތައް ދަމަހައްޓައި، ހޯދާފައިވާ ބޮޑު ކުރިއެރުމެކެވެ. ބޭރުގެ މާލީ މާހައުލަށް އަންނަ ބަދަލުތަކާއި ގޮންޖެހުންތަކާ އެކުވެސް، ބޭންކުގެ ރިސްކު މެނޭޖްކުރުމުގެ ހަރުދަނާ އުސޫލުތަކާއި ހިންގުން ހަރުދަނާ ކުރުމަށް ދިން އިސްކަމުގެ ސަބަބުން މި ނަތީޖާ ހާސިލުކުރެވުނުކަމަށެވެ.
ފާއިތުވި ހަ މަސް ދުވަހު ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭގައި އިންޓްރެސްޓުން ލިބުނު 1.6 ބިލިޔަން ރުފިޔާއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު 830 މިލިޔަން ރުފިޔާ ހިމެނެއެވެ. ބޭންކުގެ ޖުމްލަ އެސެޓް މިހާރު ވަނީ 62.8 ބިލިޔަން ރުފިޔާއަށް އަރާފައެވެ. އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 41.6 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިޔަން ރުފިޔާއަށް އުފުލާފައިވެއެވެ.
ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމަށް އެހީތެރިވުމުގެ ގޮތުން، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 166 މިލިޔަން ޑޮލަރު ވިއްކާފައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވި 311,722 ރެމިޓެންސް މުއާމަލާތް ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު (261,168 މުއާމަލާތް)، 20 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން، ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 226 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިޔަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.
ޖުމްލަގޮތެއްގައި، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭންކުން ވަނީ 478 މިލިޔަނަށްވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފައެވެ. މިއީ ބޭންކަށް ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކާއެކުވެސް، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށާއި ގައުމުގެ އިގްތިސާދަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިޔަން ޑޮލަރެވެ. އަދި މިއީ 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ 30 އިންސައްތަ އިތުރު، 2023 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ ދެގުނަ އިތުރު، އަދި 2021 ވަނަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ.
ބޭންކުން ދަނީ ޑިޖިޓަލް ޚިދުމަތްތަކަށާއި، 'މޯލްޑިވްސް އޭއައި ލެބް' ފަދަ އީޖާދީ މަސައްކަތްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. ބީއެމްއެލް އިން ހާމަކުރި ގޮތުގައި، 2026 ވަނަ އަހަރުގެ ދެވަނަ ހަ މަސްދުވަހާ ކުރިމަތިލަނީ މާލީ ގޮތުން ވަރުގަދަ، ހަރުދަނާ ބެލެންސް ޝީޓަކާއި ލިކުއިޑިޓީ ހާލަތެއްގައި އޮވެގެންނެވެ.