ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ވިސްނުމެއްކަމަށާ، އެޕާޓީ އެންމެފުރަތަމަ އުފެއްދެވީވެސް ރައީސް ޔާމީންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙުމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުމް، ޕީޕީއެމް އުފެއްދުމަށް އެންމެފުރަތަމަ އުފެއްދި ފަސްމެމްބަރުންގެ ކޮމިޓީގައިވެސް ހިމެނިވަޑައިގެންނެވި އިލްހާމް އަހުމަދު ވިދާޅުވީ، ޑީއާރުޕީ ދެބައިވިއިރު، އޭނާއަކީ އެޕާޓީގެ ޒައީމް މައުމޫނު ޢަބްދުލްޤައްޔޫމާ ވަރަށް ގާތް އެމަނިކުފާނުގެ އަރިސް ބޭފުޅެއްކަމަށެވެ. އޭރު ރައީސް މައުމޫނު ބޭނުންފުޅުވީ، ޝަރީޢަތަށް ވަޑައިގެން ޑީއާރުޕީ ހޯއްދަވަންކަމަށާ، ޕީޕީއެމް އުފައްދަވަން އޭރު ރައީސް މައުމޫނު ބޭނުންފުޅުވެވަޑައިނުގަންނަވާކަމަށް އިލްހާމް ވިދާޅުވިއެވެ.
އެހެންނަމަވެސް ޝަރީޢަތުން ޑީއާރުޕީ ހޯދުމަކީ ވަރަށް ދަތި އުނދަގޫ މަރުޙަލާއެއްކަމަށާ، އެއަށްވުރެ ފަސޭހަ ރަނގަޅު ގޮތަކީ ޕީޕީއެމް އުފެއްދުންކަމަށް އެންމެފުރަތަމަ ވިދާޅުވީ، ރައީސް ޔާމީންކަމަށް އިލްހާމް ވިދާޅުވިއެވެ. އަދި ޕީޕީއެމް އުފެއްދުމުގެ މަސައްކަތާ ގުޅިވަޑައިގެން އެކަމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް މައުމޫނު އެއްބަސްވެވަޑައިގަތީ، ސީދާ ރައީސްޔާމީން ކުރެއްވި މަސައްކަތްޕުޅުންކަމަށާ، އެމަސައްކަތުގައި ރައީސްމައުމޫނާ މަޝްވަރާކުރައްވަން ރައީސް ރައީސް ޔާމީން ވިދާޅުވެގެން މެދުވެރިއެއްގެ ރޯލް އަދާކުރެއްވީ ސީދާ އިލްހާމް އަހުމަދުކަމަށް ވެސް އޭނާ މިއަދު ވިދާޅުވިއެވެ.
އިލްޙާމް ވިދާޅުވީ، މިދަނޑިވަޅުގައި ރައީސް މައުމޫން ކުރައްވަންވީކަމަކީ ޝަރުޢީކޯޓުތަކުގެ ނިންމެވުންތަކަށް އިޙްތިރާމްކުރައްވައި، ރައީސްޔާމީނާއެކު ހުންނެވުންކަމަށެވެ.
ރައީސް މައުމޫނަކީ ވަރަށްގިނަ ބައެއްގެ މަޤުބޫލުކަން ލިބިވަޑައިގެން ހުންނެވި ޝަޚުސިއްޔަތެއްކަމަށާ، އެމަނިކުފާނަށް އެތައްބަޔަކު ކުރާ އިޙްތިރާމް ދެމެހެއްޓޭނީ، މިވަގުތު ސިޔާސީގޮތުން ޤައުމު ހަލަބޮލިވާފަދަ ކަންކަން ނުކުރައްވައި، ރައީސް ޔާމީނާ އެކު ހުންނަވައިގެންކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.
އިލްހާމް މިހެންވިދާޅުވިއިރު، ޕީޕީއެމްގެ ހިންގެވުމުގައި، ފަހަކަށް އައިސް ރައީސް މައުމޫނު އެކަށީގެންވާގޮތުގައި މަސައްކަތްޕުޅު ނުކުރައްވާކަމަށާ، ޕާޓީގެ ކައުންސިލް ޖަލްސާތައް ނުބާއްވަވައި ޕާޓީގެ ޙަރަކާތްތައް ހުއްޓުވާލައްވާފައިވާކަމަށް ބުނެ އެޕާޓީގެ މެމްބަރުންތަކެއް ވަނީ ކޯޓަށް މައްސަލަ ހުށަހަޅުއްވައި ކާމިޔާބުކުރައްވާފައެވެ.
އެމައްސަލާގައި އެޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ޕާޓީ ހަވާލުކުރުމަށް ސިވިލްކޯޓުން ނިންމެވި ނިންމެވުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކުރައްވާފައެވެ.
ހައިކޯޓުން މިގޮތަށް ނިންމަވާފައިވަނީ ދަށުކޯޓުގެ ނިންމެވުމުން ބާތިލުކޮށްދިނުމަށް އެދި ޕީޕީއެމްގެ ޢާއްމު މެމްބަރަކު އިސްތިއުނާފްކުރި މައްސަލައިގައެވެ. ހައިކޯޓުން އިއްޔެ އިއްވެވި ހުކުމްގައިވަނީ ޕީޕީއެމްގެ އަސާސީ ޤަވައިދާ އެއްގޮތަށް ކައުންސިލްގެ ބައްދަލުވުންތައް އެޕާޓީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ބާއްވަވާފައިނުވާކަމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ކޯޓުގައި އެއްބަސްވެވަޑައިގެންފައިވާކަމަށެވެ. އަދި ކައުންސިލް ބައްދަލުވުންތައް އަސާސީ ޤަވައިދާއި އެއްގޮތަށް ބާއްވާފައިނުވާ މަޤްބޫލު ހުއްޖަތެއް ރައީސް މައުމޫންގެ ފަރާތްޕުޅުން ދެއްކިފައިނުވާކަމަށްވެސް ހައިކޯޓުގެ ހުކުމުގައިވެއެވެ.
ޕީޕީއެމްގެ ކަންކަން ހިންގާފައިވާގޮތަށް ބަލާއިރު އެޕާޓީގެ ހިންގުން ވަގުތީ ގޮތުން މުސްތަޝާރާ ހަވާލުކުރުމަކީ ޕީޕީއެމްގެ މެމްބަރުންގެ މަސްލަހަތާއި އެޕާޓީގެ މަސްލަހަތުގައި އޮތް އެންމެ ރަގަޅު ފަރުވާކަން މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށާއި ކަން ހިނގާ ގޮސްފައިވާ ގޮތަށް ބެލުމުން އެގެން އޮންނަކަމަށްވެސް ހައިކޯޓްގެ ހުކުމުގައިވެއެވެ. އެހެންކަމުން ޕީޕީއެމްގެ ހިންގުން އެޕާޓިގެ މުސްތަޝާރާއި ހަވާލުކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުން ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް ހައިކޯޓްގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުވެޑައިގަންނަވާކަމަށްވެސް ހައިކޯޓުން އިއްޔެކުރި ހުކުމްގައިވެއެވެ.
ދަށުކޯޓްގެ ނިންމެވުމަށް ތާއިދުކުރައްވާ ހައިކޯޓުން މައްސަލަ ނިންމެވުމާއި ގުޅިގެން އެ މައްސަލަ ސުޕްރީމްކޯޓްގައި އިސްތިއުނާފުކުރައްވާނެކަމަށް ރައީސް މައުމޫނުގެފަރާތްޕުޅުން ވަނީ ހާމަކުރައްވާފައެވެ.