ކުޅިވަރު

އިންފަންޓީގެ ޕްލޭނަށް އިންވެސްޓް ކުރަނީ އެމެރިކާއިން


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފުޓްބޯޅަ މުބާރާތްތައް ރާވައި ހިންގުމަށް އުފައްދާ ވިޔަފާރި ކުންފުންޏަށް އިންވެސްޓް ކުރުމުގައި އިސްކޮށް އުޅެނީ އެމެރިކާގެ ބިލިއަނަރު ހޯޝުއާ ކުޝްނާ ކަމަށް މީޑިޔާތަކުން ތުހުމަތު ކޮށްފި އެވެ.

ކުޝްނާ އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުގައި މަސައްކަތް ކުރާ ޖެރަޑް ކުޝްނާގެ ކޮއްކޮ އެވެ. މިހެންވެ އިންފަންޓީނޯގެ ޕްލޭނަކީ ޓްރަމްޕް އަޑީގައި ހުންނަވައި ކުރައްވާ ކަމެއް ކަމަށް ޔޫރަޕުން ދަނީ ތުހުމަތު ކުރަމުންނެވެ.

ފީފާގެ މެމްބަރު ގައުމުތަކަށް އިންފަންޓީނޯ ފޮނުއްވި ސިޓީގައި ބުނެފައިވަނީ އޭނާގެ ވިޔަފާރީގެ ޕްލޭން ފާސްކޮށްދީފިނަމަ ކޮންމެ ގައުމަކަށް ވެސް ލިބޭ ފައިސާ އިތުރުވެގެންދާނެ ކަމަށެވެ. މި ގޮތުން ވިޔަފާރި ކުންފުނީގެ ޕްލޭން ފާސްކޮށްދީފިނަމަ 2027 އާއި 2031 އާ ދެމެދު ފީފާގެ މެމްބަރު ގައުމުތަކަށް 40 މިލިއަން ޑޮލަރުގެ އާމްދަނީ ބަހާނެ ކަމަށެވެ. އަދި މި އަދަދު ކޮންމެ ހަތަރު އަހަރަކުން އިތުރުވަމުންދާނެ ކަމަށެވެ. މި ގޮތުން 2031އިން 2034 އަށް 22 މިލިއަން އަދި 22035 އިން 2038 އަށް 24 މިލިއަން ޑޮލަރުގެ ފައިސާ ބަހާނެ ކަމަށެވެ.

ނަމަވެސް މި ޕްލޭނަށް ޔޫރަޕުން ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދައިފަ އެވެ. އަދި ފުޓްބޯޅައިގެ ތަޖުރިބާކާރުން ވެސް ވަނީ މި ޕްލޭނަށް ފާޑުކިޔަން ފަށައިފަ އެވެ. އޭޝިޔާ އާއި ކޮންކާކަފުން ވެސް ވަނީ މި ޕްލޭނުގެ ވާހަކަ އަޑު އެހީ މީޑިޔާއިން ކަމަށާއި ޕްލޭނުގެ މައުލޫމާތު އޮޅުން ފިލުވައިދީ ދިރާސާ ކުރަން ވަގުތުދޭން ޖެހޭ ކަމަށް ބުނެފަ އެވެ.