ޚަބަރު

ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި


  • މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %71 އިތުރު އަދަދެއް

  • އެ ކުންފުނީގެ އާމްދަނީ އަކީ 6.98 ބިލިއަން ރުފިޔާ

މިއަހަރުގެ 2ވަނަ ކުއާޓަރގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި ކުއާޓަރ އާއި އަޅާބަލާއިރު %71 އިތުރު އަދަދެކެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކާގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރގައި އެ ކުންފުނީގެ އާމްދަނީ އަކީ 6.98 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލައިއިރު %27 އިތުރުވުމެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެ ކުންފުންޏަށް ލިބިފައިވާ އާމްދަނީއަކީ 5.48 ބިލިޔަން ރުފިޔާއެވެ.

މި ކުއާޓަރގައި ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ލިބިފައިވާ އާމްދަނީއަކީ 335 މިލިޔަން ރުފިޔާއެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 330 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު %1.4 އިތުރު އަދަދެކެވެ.

ޓެކުހަށް ކެނޑުމަށްފަހު މި ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 280 މިލިޔަން ރުފިޔާއެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު އަމްދަނީއާއި އަޅާބަލާއިރު %1.2 އިތުރު އަދަދެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 276 މިލިޔަން ރުފިޔާއެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުންކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. ތެލުގެ އަގު މަތިވުމާއިއެކު އާމްދަނީ އިތުރުވި ނަމަވެސް، ދިވެހިރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމުގެގޮތުން ސަރުކާރާއި އެސްޓީއޯއިން ކުރި މަސައްކަތުގެ ނަތީޖާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުތައް ނިސްބަތުން މަތިނުކޮށް ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ތެލުގެ މާޖިން ކުޑަވެ ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ވަނީ ދަށްވެފައެވެ. ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރިން ލިބުނު ފައިދާ އިތުރުވުމާއިއެކު، ޖުމްލަ ފައިދާ އަށް ކުރި އަސަރުވަނީ ކުޑަކުރެވިފައިކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯއިން ވަނީ ބުނެފައެވެ.