ޔަހޫދީން ނިރުބަވެރި އަސްކަރިއްޔާއިން ފަލަސްޠީނުގެ ޣައްޒާގެ ސަރަޙައްދުތަކަށް އަތްގަދަކުރުން އިތުރުކުރުމަށް، އިންވަކިކޮށްފައިވާ "ރީނދޫ ރޮނގު" އެ ސަރަޙައްދުގެ އެތެރެއަށް ޖައްސައިގެން ކަމަށް ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ޔަހޫދީންގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޣައްޒާގެ ބިމުގެ 70 އިންސައްތަ މިހާރު އޮތީ ޔަހޫދީ ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައެވެ.
ފަލަސްޠީނުގެ މަސްދަރުތަކާ ޙަވާލާދީ އެ ނޫހުން ބުނެފައިވަނީ، މި ރޮނގު ޣައްޒާގެ ހުޅަނގުގެ ސަރަޙައްދުތަކަށް ފުޅާކުރަމުންދިއުމުގެ ސަބަބުން، ފަލަސްޠީނުގެ އާންމު ރައްޔިތުންނަށް ޙަރަކާތްތެރިވެވޭނެ ރައްކާތެރި މާޙައުލެއް މިހާރު ނެތެވެ.
މިކަމުގެ ސަބަބުން ގެދޮރު ގެއްލި، ރައްކާތެރިކަން ހޯދުމަށް ހިޖުރަކުރަންޖެހޭ މީހުންގެ ޢަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ވަނީ ޣައްޒާގެ އިރުމަތީ ފަރާތުގައިވާ ސަލާޙުއްދީން މަގު ކައިރިއަށް އަސްކަރީ ހަރަކާތްތައް ފުޅާކޮށްފައެވެ.
މިގޮތަށް ޣައްޒާއަށް އަތްގަދަކުރުމުގެ މައިގަނޑު މަޤުޞަދަކީ، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އަސްކަރީ އަދި ސިޔާސީ ގޮތުން ބާރު ކަނޑުވާލައި، އެ ޖަމާއަތް ނިކަމެތިކޮށް، ޔަހޫދީންގެ އަސްކަރީ މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ދުރަށްޖެއްސުމެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށި މި އޮޕަރޭޝަންގެ ދަށުން އަލަށް ހިފާ ސަރަޙައްދުތައް ބަދަލުވެގެންދާނީ ޔަހޫދީ ދައުލަތުން ނަންދީފައިވާ "ޔެލޯ ޒޯން" ސަރަޙައްދުތަކަށެވެ.
"ރޭގެ ވަގުތެއްގައި ޔަހޫދީ ސިފައިން ވަނީ ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ އެތައް އާއިލާއެއް ދިރިއުޅެމުންދާ ސަރަޙައްދަކާ ހަމައަށް ރީނދޫ ރޮނގު ކުރިއަށް ޖައްސާފައި. މި ސަރަޙައްދު މިހާރު ވަނީ ނުރައްކާތެރި ހަމަލާތަކުގެ އަމާޒަކަށްވެފައި. އެތައް ބަޔަކު ފުރާނަ ސަލާމަތްކުރުމަށްޓަކައި އަނެއްކާވެސް ފިލަން ވަނީ މަޖުބޫރުވެފައި،" އެ ސަރަޙައްދުގައި ދިރިއުޅޭ މީހަކު ބުންޏެވެ.
އޭނާ ބުނީ ޔަހޫދީން އަޅަމުންދާ މި ނުރައްކާތެރި ފިޔަވަޅުތަކުގެ ސަބަބުން، ޣައްޒާގައި އުފެދިފައިވާ އިންސާނީ ކާރިޘާ އިތުރަށް ގޯސްވެ، އެއްވެސް އަމާންކަމެއް ނެތް ޙާލަތެއްގައި ދިރިއުޅެން މަޖުބޫރުކޮށްފައިވާ ކަމަށެވެ.