ޚަބަރު

ހަނގުރާމައަށް ތާޢީދުކުރަނީ އެމެރިކާގެ ކޮންމެ ތިން މީހަކުން އެކަކު


ޞިހްޔޫނީން ރުއްސުމަށް އީރާނާ ދެކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައަށް ތާޢީދުކުރަނީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކު ކަން ހާމަވެއްޖެއެވެ. ރޮއިޓަރސް އަދި އިޕްސޮސް ގުޅިގެން ކުރި ސާވޭއެއްގެ ނަތީޖާއަށް ބަލާއިރު، މިއީ ފެބުރުވަރީ 28 ގައި ފެށި ހަނގުރާމައިގެ ކުރީކޮޅާ އަޅައިބަލާއިރު، ހަނގުރާމައަށް ތާޢީދުކުރާ ކަމަށް ބުނި މީހުންގެ އެންމެ ދަށް އަދަދެވެ. ސާވޭގައި ބައިވެރިވި މީހުންގެ ބޮޑު އިންސައްތައެއް ބުނެފައި ވަނީ، ހަނގުރާމައިގެ މަޤުޞަދާއި އަމާޒު ޓްރަމްޕް ސާފުކޮށްދެއްވާފައިވާ ކަމަށް ޤަބޫލު ނުކުރާ ކަމުގައެވެ.

ހަނގުރާމައަށް ތާޢީދުކުރާ މީހުންގެ އަދަދު ދަށްވެފައިވީ ނަމަވެސް، ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޓްރަމްޕަށް ތާޢީދުކުރާ މީހުންގެ ނިސްބަތް %37 އަށް އުފުލިފައިވާ ކަން އެންމެ ފަހުގެ ސާވޭގެ ނަތީޖާއިން ހާމަވެއެވެ. ނަމަވެސް، ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން %69 މީހުން ބުނެފައި ވަނީ، ހަނގުރާމައިގެ ލަނޑުދަނޑިތަކާއި މަޤުޞަދުތައް ޓްރަމްޕް ސާފުކޮށް ބަޔާންކޮށްދެއްވާފައި ނުވާ ކަމުގައެވެ. މި ގޮތަށް ޤަބޫލުކުރާ މީހުންގެ ތެރޭގައި، ސާވޭގައި ބައިވެރިވި ރިޕަބްލިކަން ޕާޓީގެ ކޮންމެ 10 މެންބަރެއްގެ ތެރެއިން ހަތަރު މީހުން ހިމެނެއެވެ. މި ފަދަ ސާވޭތަކުގެ ނަތީޖާއަށް ޓްރަމްޕް އެއްވެސް އަހުމިއްޔަތެއް ނުދެއްވާނެ ކަން ފާހަގަކުރައްވައި ވައިޓް ހައުސްގެ ތަރުޖަމާނު އޮލިވިޔާ ވޭލްސް ވިދާޅުވީ، ޓްރަމްޕްގެ އެންމެ އިސް މަޤުޞަދަކީ އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވުން ކަމުގައެވެ. އަދި، އެ ކަން ހާސިލު ކުރެއްވުމަށް ކެރިގެން ޓްރަމްޕް ފިޔަވަޅު އަޅުއްވާނެ ކަމުގައެވެ.

ހަނގުރާމަ ފެށި ދުވަސްވަރު ހަދާފައިވާ ސާވޭތަކުގެ ނަތީޖާއަށް ބަލާއިރު، އީރާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރުމަށް ތާޢީދުކުރާ ކަމުގައި ބުނެފައި ވަނީ %40 މީހުންނެވެ. ހަނގުރާމައިގައި މިހާތަނަށް އެމެރިކާ ސިފައިންގެ 18 މީހުން މަރުވެފައިވާއިރު، އެމެރިކާގެ ރައްޔިތުންނަށް ވަނީ ބޮޑެތި ތަކުލީފުތަކެއް ތަހައްމަލުކުރަން ޖެހިފައެވެ. މި ގޮތުން، އެމެރިކާގައި ޕެޓްރޯލް ލިޓަރެއް ވިއްކާ އަގު ވަނީ 4 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން އެމެރިކާގައި ޕެޓްރޯލް ލިޓަރެއްގެ އަގު ހުރީ 3 ޑޮލަރުގައެވެ. މިއީ، އެމެރިކާގެ ޢާންމު ރައްޔިތުންގެ މާލީ ޙާލަތަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި އިޤުތިޞާދީ މާހިރުން ސިފަކުރެއެވެ.

ސިޔާސީ މާހިރެއް ކަމުގައިވާ އެލެކްސް ކޮނެންޓް ވިދާޅުވީ، މިއީ ޓްރަމްޕްގެ ރިޔާސީ ދައުރުގެ މެދުތެރެއިން ނޮވެންބަރު މަހު ބާއްވާ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ބުރައެއް ކަމުގައެވެ. ރޮއިޓަރސް އަދި އިޕްސޮސްގެ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން އެއްވެސް ޕާޓީއަކަށް ތާޢީދުނުކުރާ މީހުންގެ %36 ބުނީ، ކުރިއަށް އޮތް އިންތިޚާބުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓުންނަށް ވޯޓުލުމަށް ބުރަވެވޭ ކަމުގައެވެ. އޭގެ ތެރެއިން ރިޕަބްލިކަން ކެނޑިޑޭޓުންނަށް ވޯޓުދޭނެ ކަމުގައި ބުނެފައި ވަނީ %20 ބައިވެރިންނެވެ. ޑިމޮކްރެޓިކް ޕާޓީގެ އިޤުތިޞާދީ ސިޔާސަތުތަކަށް ތާޢީދުކުރާ ކަމުގައި ވެސް ގިނަ ބައިވެރިން ބުނެއެވެ.

ރިޔާސީ ކެންޕޭނުގައި ޓްރަމްޕް ވަނީ ދިގުދެމިގެންދާނެ އެއްވެސް ހަނގުރާމައެއްގައި އޭނާގެ ސަރުކާރަކުން ބައިވެރިނުވާނެ ކަމަށާއި، އެ ފަދަ ހަނގުރާމައެއް ނުފެށްޓެވުމަށް ވެސް ވަޢުދުވެ ވަޑައިގަންނަވާފައެވެ. ނަމަވެސް، އީރާނާ ދެކޮޅަށް ޓްރަމްޕް ހަނގުރާމަ ފެށްޓެވީ ޞިހްޔޫނިއްޔީން ރުއްސުމަށެވެ. ޔަހޫދީ ދައުލަތުން އެދި، އާދޭސް ކުރުމުންނެވެ. ސާވޭގައި ބައިވެރިވި ގިނަ މީހުން ބުނީ، ބޭރުގެ ސަރުކާރެއް ރުއްސުމަށް ހަނގުރާމަތައް ފެށްޓެވުމުގެ ބަދަލުގައި ޓްރަމްޕް އިސްކަންދެއްވަން ޖެހިވަޑައިގަންނަވާނީ އެމެރިކާ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރެއްވުމަށް ކަމުގައެވެ. ހަނގުރާމަ ފެށި ދުވަހު، އެ ޢުދުވާނަށް ތާޢީދުކުރާ ކަމުގައި ބުނެފައި ވަނީ %27 މީހުންނެވެ. %29 މީހުން ބުނެފައި ވަނީ، ހަނގުރާމައާމެދު ވަކި ގޮތަކަށް ނުދެކޭ ކަމުގައެވެ. ނަމަވެސް، ހަނގުރާމައަށް ތާޢީދުނުކުރާކަމަށް ބުނާ މީހުންގެ ނިސްބަތް މިހާރު މި ވަނީ %37 އަށް އުފުލިފައެވެ.