ޚަބަރު

ފެނަކައިގެ އޮޑިޓް: ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތަހުގީގު ހިންގަން އެދެން ފާސްކޮށްފި


  • އައްޑޫ ބްރާންޗުން މަޝްރޫއުތައް ހިންގީ ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށް

  • މާލިއްޔަތު ކޮމިޓީ ރިޕޯޓް ފާސްކުރީ 53 މެންބަރުންގެ ވޯޓުން

ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކެއްގައި ކޮރަޕްޝަނާއި މަނީލޯންޑަރިންއަށް މަގުފަހިވާގޮތަށްހުރި ކަންކަން ބަލައި ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން މަޖިލީހުން ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން ތަހުގީގުތައް ހިންގުމަށް އެދެން ނިންމާފައިވާނީ ފެނަކައިން އައްޑޫގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހުގައެވެ.

ފެނަކައިގެ ޚާއްސަ އޮޑިޓް ރިޕޯޓުން ވަނީ އެކޯޕަރޭޝަންގެ އައްޑޫ ބްރާންޗުން މަޝްރޫއުތައް ހިންގީ ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށްކަން ވަނީ ހާމަވެފައެވެ. ކަރަންޓާއި ފެން ބިލްތަކުން 77 މިލިޔަން ރުފިޔާ ފެނެކައަށް ނުލިބިވާކަންވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައިވާގޮތުން ފެނަކައިގެ އެކައުންޓުން މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޕެޓީ ކޭޝްއިން ފައިސާ ޚަރަދު ކުރުމުގައި ކުންފުނީގެ މުވައްޒަފުންނާއި އާއިލީ ގުޅުން ހުރި ވިޔަފާރިތަކުން 783،296 ރުފިޔާގެ ތަކެތި ގަނެފައިވެއެވެ. އަދި ޑޮކިއުމަންޓް ފޯޖުކޮށްގެން 130،220 ރުފިޔާގެ ޕެޓީ ކޭޝް ނަގާފައިވާތީ، އެ ޕްރޮޖެކްޓުތަކަށް ޕެޓީ ކޭޝްއިން ހަރަދުކޮށްފައިވާ 4.3 މިލިއަން ރުފިޔާގެ ތެރެއިން ސައިޓުތަކަށް ޚިދުމަތާއި ތަކެތި ލިބިގެން ޚަރަދުކޮށްފައިވާ ފައިސާގެ އަދަދު ކަށަވަރުނުވާ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި އޮޑިޓް ރިޕޯޓް ދިރާސާކުރަން ބޭއްވި މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހުށަހެޅުންތަކެއް ހުށަހެޅުއްވިއެވެ. އެގޮތުން، މަމްދޫހު ހުށަހެޅުއްވީ ފެނަކައިގެ ފައިސާއަށް ހިޔާނަތްތެރިވި އޭރު ކުންފުނީގެ ބޯޑު މެންބަރުންނާއި އެކަމުގައި ޝާމިލުވާ އެންމެންގެ މައްސަލަ ބަލަން ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށެވެ. އަދި ކުންފުންޏަށް ގެއްލުންވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންގޮސް، އެ ނިންމުންތައް ނިންމާފައިވާތީ ބޯޑު މެންބަރުންނާއި ވެރިން ޒިންމާދާރުކުރުމަށް އެންގުމަށްވެސް ހުށަހެޅުއްވިއެވެ.

ފެނަކައިގެ ވެރިންނާއި މުވައްޒަފުންނާ އާއިލީ ގުޅުން އޮންނަ ވިޔަފާރިތަކުން ހިދުމަތާއި މުދާ ނުހޯދޭ ގޮތަށް ޕްރޮކިއުމަންޓް ޕޮލިސީއަށް ބަދަލު ގެނައުމަށާއި ފެނަކައިގެ ބްރާންޗުތަކަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑައަޅައި، އޮނިގަނޑެއް އެކުލަވާލަން އަންގަންވެސް މަމްދޫހު ހުށަހެޅުއްވިއެވެ.

އަޒާން ހުށަހެޅުއްވީ ފެނަކައިގެ އައްޑޫ ބްރާންޗުތަކުގެ ވެރިންގެ އާއިލީ މީހުންގެ އެކައުންޓްތަކަށް ނުހައްގުން ފައިސާ ޖަމާވެފައިވޭތޯ ބެލުމަށް މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށެވެ. އަދި މަހަކު އެއްފަހަރު މި ތަހުގީގުތަކާ ގުޅޭ މައުލޫމާތު މަޖިލީހަށް ހިއްސާކުރުމަށް އެންގުމަށްވެސް ހުށަހެޅުއްވިއެވެ.

މީގެ އިތުރުން ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މިފަދަ މައްސަލަތައް އަވަސް ކުރުމަށް އޭސީސީއަށް އެންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ލަފާދެއްވަންވެސް އަޒާން ހުށަހެޅުއްވިއެވެ.

މެންބަރު މަމްދޫހާއި އަޒާން ހުށަހެޅުއްވި ހުށަހެޅުންތައް މާލީއްޔަތު ކޮމިޓީން ފާސްކުރުމާއެކު ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، 53 މެންބަރުންގެ އިއްތިފާގުން ވަނީ ތަހުގީގުތައް ހިންގަން އެދުމަށް ފެންނަ ކަމަށް ފާސްކޮށްފައެވެ.