ޚަބަރު

"ކޮންސްޓްރަކްޝަން ސިނާއަތަށް ގިނަ ކުރިއެރުންތަކެއް ލިބިއްޖެ"


ކޮންސްޓްރަކްޝަން ސިނާއަތަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިނާއަތް ކަމަށްވާ އިރު، ސަރުކާރުން އަންނަނީ އެ ސިނާއަތް ކުރިއެރުވުމަށް ޙާއްސަ އިސްކަމެއް ދެއްވަމުންނެވެ. އެގޮތުން ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫއުތަކަށް ކުރިމަތިލާ ކޮންޓްރެކްޓަރުންނަށް ލުއިފަޞޭޙަ ގޮތްތައް ވަނީ ހަމަޖައްސަވާދެއްވާފައެވެ. ތިންސަތޭކައަށްވުރެ ގިނަ ކޮންސްޓްރަކްޝަން ކުންފުނި ތަމްސީލްކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް، މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް ވިދާޅުވީ މީގެ ކުރިން ކޮންސްޓްރަކްޝަން ސިނާއަތް އޮތީ ވަރަށް ހާލުގައި ކަމަށާއި، އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ކޮންސްޓްރަކްޝަން ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ކޮންސްޓްރަކްޝަން ސިނާއަތަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

img:http://s1.psmnews.mv/images/660x400/14772390813873.jpg|ރައީސް ޔާމީން، ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ހަރަކާތެރިވާ ބައެއް އިސް ފަރާތްތަކާއެކު / ފައިލް ފޮޓޯ: ރައީސް އޮފީސް

" ރައީސް ޔާމީން ރިޔާސަތާ ހަވާލުވެވަޑައިގެންނެވި އިރު، މި އިންޑަސްޓްރީ އޮތީ ވަރަށް ހާލުގައި، ވަރަށް ބޮޑެތި ސީރިއަސް އިޝޫސްތައް ހުރި، އެންމެ ފުރަތަމަ މި އިންޑަސްޓްރީއަށް ދެއްވި ލުޔަކީ، ސަރުކާރުގެ ޕްރޮޖެކްޓްސްތަކަށް ކުރިމަތިލާ ކޮންޓްރެކްޓަރުންނަށް، ޕާރފޯމަންސް ގެރެންޓީއާއި، އެޑްވާންސް ޕޭމަންޓް ގެރެންޓީ، ބޭންކުތަކުން ނަގަން ވަރަށް ދަތިވެފައި ވަނިކޮށް، ސަރުކާރުން ހަމަޖައްސަވައި ދެއްވީ، ޗެކެއް ބޭއްވުމަށްފަހު، ޕާރފޯމަންސް ގެރެންޓީއާއި، އެޑްވާންސް ޕޭމަންޓް ގެރެންޓީ ދޫކުރައްވާގޮތަށް، އެއީ އިގޭތޯ މިހާރު މިފެންނަ އަސްލު ނަތީޖާއަކީ، ކޮންޓްރެކްޓަރުން ދިރިގެން، މަސައްކަތުގެ ތެރެއަށް ނުކުމެވި، ޕްރޮޖެކްޓްތައް ހިނގައިގަތުމުގެ އެންމެ ބޮޑު އަސްލު" ސަރުކާރުން ސިނާއަތް ކުރިއެރުވުމަށް ކޮށްދެއްވާ މަސައްކަތް ފާހަގަކުރައްވަމުން ޖަނާޙް ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14772391423291.jpg|މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާޙް

ޖަނާހް ވިދާޅުވީ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިޒު ރާއްޖޭގެ ކޮންސްޓްރަކްޝަންގެ ސިނާއަތާއި ވަރަށް ގާތްގުޅުމެއް ބާއްވަވާ ކަމަށެވެ. އެގޮތުން މިނިސްޓަރގެ އިސްނެންގެވުމުގެ މަތިން، މަސީގެ އެގްޒެކެޓިވް ބޯޑާއި އެކު ވައިބަރ ގުރޫޕެއް ހައްދަވާފައިވާކަން ޖަނާޙް ފާހަގަކުރެއްވިއެވެ. 

ރާއްޖޭގެ އެކި ހިސާބުތަކަށް ބަލާއިރު، ކޮންސްޓްރަކްޝަންގެ ސިނާޢަތަށް ލިބިފައިވާ ކުރިއެރުންތައް ފެންނަން އެބަހުއްޓެވެ. ހައުސިން މިނިސްޓްރީގެ ތަފާސް ހިސާބްތަކަށް ބަލާލާއިރު، އެއްއަހަރު ދުވަހުގެ ތެރޭގައި ކޮންކްރީޓް މަސައްކަތް ކުރުމަށް މަގު ބަންދުކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުގެ އަދަދު ތިން ގުނައަށް ވަނީ އިތުރުވެފައެވެ. އަދި ކުރެހުން ފާސްކުރުމަށް އެމިނިސްޓްރީއަށް ހުށަހަޅާ މިންވަރުވެސް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.