އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގުޅިވަޑައިގެން ކުރައްވަންޖެހޭ މަސައްކަތްތަކުގައި ޢަމަލުކުރައްވާނެ އުސޫލުތައް ބަޔާންކުރާ އެމް.އޯ.ޔޫއެއްގައި ދެމުއައްސަސާ ދެމެދުގައި ސޮއިކުރައްވައިފިއެވެ. މި އެމް.އޯ.ޔޫގެ ދަށުން އޭސީސީއާ ޕީޖީ އޮފީސް ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އިތުރަށް އަވަސްވެގެންދާނެ ކަމަށް އެ ދެ މުއައްސަސާއިން ވިދާޅުވެއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނުން ތަޙްޤީގްކޮށް ނިންމަވާ މައްސަލަތަކުގައި ދައުވާ ކުރައްވަންޖެހޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރެއްވުމަށް އޭސީސީން ފޮނުއްވަން ޖެހެނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ. މީގެ އިތުރުން އޭސީސީގެ ތަޙްޤީޤުތަކަށް ބޭނުންވާ ކޯޓް އަމުރު ހޯއްދަވަންޖެހެނީވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މެދުވެރި ކުރައްވައެވެ.
އޭސީސީއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރައްވާ މަސައްކަތްތަކުގައި ދެމުއައްސަސާ އެކުގައި މަސައްކަތް ކުރުމުގެ އުސޫލުތަކާއި ހަމަތައް ބަޔާންކުރާ އެމްއޯޔޫއެއްގައި ދެ މުއައްސަސާގެ އިސްވެރިން ވަނީ ސޮއިކުރައްވާފައެވެ. މި އެމް.އޯ.ޔޫގެ ދަށުން އޭސީސީން ތަޙްޤީޤް ކުރައްވައި ދައުވާ ކުރައްވަން ފޮނުއްވާ މައްސަލަތަކުގައި ޕީޖީ އޮފީހާ ގާތުން މަސައްކަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭސީސީގެ ތަޙްޤީޤަށް ކޯޓް އަމުރަށްއެދި ހުށައަޅުއްވާ މައްސަލަތަކުގައި ޕީޖީ އޮފީހުން ޢަމަލު ކުރައްވާނެ އިޖްރާޢަތްތައް މި އެމް.އޯ.ޔޫގައި ވަނީ ބަޔާން ކުރައްވާފައެވެ.
މި އެމް.އޯ.ޔޫގައި ސޮއިކުރެއްވުމަށް އޭސީސީގައި މިއަދު އޮތް ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ އާއިޝަތު ބިސާމް ވިދާޅުވީ މި އެމް.އޯ.ޔޫގައި ސޮއިކުރެވުމާއެކު އޭސީސީން ކުރައްވާ ތަޙްޤީޤްތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ޕީޖީ އޮފީހުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި މި އެމް.އޯ.ޔޫއާއެކު އޭސީސީން ތަޙްޤީޤް ކުރައްވާ މައްސަލަތައް ކޯޓް މަރުހަލާއާ ހަމައަށް ދިއުމަށް ނަގާ މުއްދަތު ކުޑަވެގެންދާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.
މި އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ ކުރިންވެސް ދެމުއައްސަސާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެމް.އޯ.ޔޫގެ ސަބަބުން މިކަމަށް އިޖްރާއަތްތައް ކަނޑައެޅި މަސައްކަތްތައް އިތުރަށް ހަލުވި ވެގެންދާނެ ކަމަށް އޭސީސީ ރައީސް ވިދާޅުވިއެވެ.
މި އެމް.އޯ.ޔޫގެ ދަށުން ދެ މުއައްސަސާ ގުޅިގެން ކުރަންޖެހޭ މަސައްކަތުގައި އިސްކޮށް މަސްޢޫލުވާނެ ފޯކަލް ޕޮއިންޓުން ދެ މުއައްސަސާއިންވެސް ކަނޑައަޅުއްވާނެއެވެ.