ޚަބަރު

މާފަންނު ދަނޑު ހުޅުވުން، ޒުވާނުންނަށް ބޮޑު ހިތްހަމަޖެހުމެއް


  • މަރާމާތަށް ދަނޑު ބަންދުކުރީ މިދިޔަ ޑިސެމްބަރުގައި

  • މަސައްކަތް ނިންމައި ދަނޑު ހުޅުވީ މިމަހު 19ގައި

ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ދިރިއުޅޭ ފުރަ މާލެއަކީ ތޮއްޖެހުން ބޮޑު ހަލަބޮލި ތަނެކެވެ.

މުނިފޫހިފިލުވާލައި ކުޅިވަރު ކުޅެ ހަދަން މި އާބާދީއާ އެކަށީގެންވާ މިންވަރާ ގާތަށްވެސް ވަޞީލަތްތައް އަދި މި ފަސްގަނޑުގައި ގާއިމްވެފައި ނެތްނަމަވެސް، ސަރުކާރުތަކުން އަންނަނީ މާލޭގައި ވެސް، ޖާގަ އޮތް މިންވަރަކުން އެފަދަ އުމްރާނީ ވަޞީލަތްތައް ގާއިމްކުރަން މަސައްކަތްކުރަމުންނެވެ.

އެހެންނަމަވެސް، އެފަދަ ތަންތަން ގިނަ ފަހަރަށް އޮންނަނީ ދޫކޮށްލެވި، ބަލަހައްޓާނެ ފަރާތެއް ނެތި ވީރާނާވާން ދޫކޮށްލާފައެވެ. އެއާއެކު އެ ތަންނަން ބޭނުން ނުކުރެވޭ މިންވަރަށް ނުވަތަ އެންމެ ފުރިހަމަ ގޮތުގައި ބޭނުންނުކުރެވޭ ހާލަތަކަށް ދެއެވެ.

އެފަދަ އެއް ތަނަކީ މާފަންނު ފުޓްސަލް ދަނޑެވެ.

އެ ދަނޑު ވީރާނާވެފައި، އޮތް ހާލެއްގައި ބޭއްވުމުގެ ބަދަލުގައި ސަރުކާރުން ވަނީ، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަރާމާތަށް އެތަން ބަންދުކޮށް، އަމަލީ މަސައްކަތް ފަށާފައެވެ.

މި ދަނޑު ހުޅުވާފައިވަނީ އެކަމަކަށްޓަކައި މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު މާފަންނު ފުޓްސަލް ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ.

ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުސްތަފާ އިބްރާހިމް އާއި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ނަޒީމްގެ އިތުރުން މާފަންނުގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.

ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިއު ވަނީ، މާލެ ސަރަހައްދުގައި ސަރުކާރުން ގާއިމުކޮށްފައިވާ ކޮންމެ ފުޓްސަލް ދަނޑަކީވެސް ގިނަ އަދަދެއްގެ ޒުވާނުން އެކި މުނާސަބުތަކުގައި ބޭނުންކުރަމުން އަންނަ ދަނޑުތަކެއްކަން ފާހަގަކުރައްވައި، މި ދަނޑުތަކަކީ ރައްކާތެރި އަދި ކުޅެން އެކަށީގެންވާ ތަންތަނަށް ހެދުމަކީ ސަރުކާރުން މުހިންމު އިސްކަމެއްދޭ ކަމެއްކަމަށް ވިދާޅުވެފައެވެ.

އަދި މިފަދަ ތަންތަން ބޭނުންކުރުމުގައި ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން، އެންމެންވެސް ދަނޑުގެ ރައްކާތެރި ކަމަށް އިސްކަންދީ ގިނަ ދުވަހު މި ދަނޑުގެ ބޭނުން ހިފޭނެ ގޮތަށް މަސައްކަތްކޮށް ދިނުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެށި މި ދަނޑުގެ މަސައްކަތް ނިންމައި ސަރުކާރާ ދަނޑު ހަވާލުކޮށްފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. މި ދަނޑުގެ މަސައްކަތް ކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ.