ޚަބަރު

ނޭޓޯގައި ތުރުކީވިލާތުގެ ނުފޫޒާއި ދައުރު ވަރުގަދަވަނީ


ޖުލައި 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) މަހާސިންތާއާއެކު، ބައިނަލްއަޤުވާމީ މަސްރަޙާއި ނޭޓޯގައި ތުރުކީވިލާތާއި އަންކަރާ އަދާކުރާ މުހިންމު ދައުރު ވަރަށް ބޮޑަށް ފުޅާވެއްޖެއެވެ. އެ އިއްތިޙާދުގެ އިސްވާރުން ތުރުކީވިލާތުގެ ވެރިރަށަށް ޖަމާވަމުންދާއިރު، އަންކަރާ ފެންނަނީ ހަމައެކަނި މަހާސިންތާ ބާއްވާ މަރުކަޒެއްގެ ގޮތުގައި ނޫން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. އޭގެ ބަދަލުގައި، އެ ޤައުމަކީ ދުނިޔޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގެ މައިގަނޑު މަރުކަޒެއްގެ ގޮތުގައި ފެންނަމުންދާ ކަމުގައި އެ ފަރާތްތަކުން ޤަބޫލުކުރެއެވެ. ބައިނަލްއަޤުވާމީ ސިޔާސީ މަސްރަޙުގައި ނުތަނަވަސްކަން ބޮޑު މި ދަނޑިވަޅުގައި، ތުރުކީވިލާތުގެ އިސްތިރާޖީ މަޤާމުގެ ސަބަބުން ނޭޓޯގެ ތެރޭގައި އަންކަރާގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމުގައި ވެސް އެ ފަރާތްތަކުން ޤަބޫލުކުރެއެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުތޭއާއެކު އަންކަރާގައި ބޭއްވެވި ބައްދަލުވުުމުގައި ރައީސް ރަޖަބް ޠައްޔިބް އަރްދޮޣާން ވަނީ ދިފާޢީ ސިނާއަތުގެ އެއްބާރުލުން ވަރުގަދަކުރުމަށް ގޮވައިލައްވާފައެވެ. ނޭޓޯއިން އަސްކަރީ އަދި ދިފާޢީ އުފެއްދުންތަކަށް އިސްކަންދޭއިރު، ތުރުކީވިލާތުގެ ފުޅާވަމުންދާ ދިފާޢީ ސިނާއަތަކީ އެ އިއްތިޙާދަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. އަންކަރާގައި ކުރިއަށްދާ ނޭޓޯ ޑިފެންސް އިންޑަސްޓްރީ ފޯރަމްގައި ޤައުމުތަކުން ދަނީ ބޮޑެތި ވުނަކުރުންތައް އިޢުލާނުކުރަމުންނެވެ. މި ގޮތުން، ނެދަލެންޑްސްގެ ދިފާޢީ ވަޒީރު ވަނީ ބެލްޖިޔަމާއި އިނގިރޭސިވިލާތާއެކު 3 ބިލިޔަން ޔޫރޯއަށްވުރެ ބޮޑު އަދަދެއްގެ ދިފާޢީ މަޝްރޫޢުތައް ހިންގަން ނިންމާފައިވާ ކަން އިޢުލާނުކުރައްވާފައެވެ.

މި މަހާސިންތާގެ ހަވާސާގައި ރައީސް އަރްދޮޣާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން، ޓްރަމްޕް ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާއި ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާޢާ އަންކަރާގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މިއީ، އީރާނާ ދެކޮޅަށް އެމެރިކާއާއި ޔަހޫދީން ގުޅިގެން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައަށްފަހު މެދުއިރުމަތީގެ މަސްރަޙު ނޭޓޯގެ ސަލާމަތާ ގުޅިފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. މި ބައްދަލުވުންތައް އަންކަރާގައި ބޭއްވުމުން، ތުރުކީވިލާތަކީ ސަރަޙައްދީ ސިޔާސީ މައްސަލަތަކުގައި މަޝްވަރާ ދެމެހެއްޓުމުގެ ޤާބިލުކަން ހުރި، ނޭޓޯގެ މުހިންމު ބައިވެރިއެއްކަން ސާބިތުވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ތުރުކީވިލާތުގެ ނައިބު ރައީސް ޖޭވްދޭތު ޔިލްމާޒް ވިދާޅުވީ، މިއީ ދުނިޔެ ބަދަލުވަމުންދާ ދަނޑިވަޅެއްގައި ބޭއްވޭ ތާރީޚީ މަހާސިންތާއެއް ކަމުގައެވެ. މި މަހާސިންތާގައި ނޭޓޯގެ 32 މެންބަރު ޤައުމުގެ އިތުރުން އިންޑޯ-ޕެސިފިކް އަދި ވިލާތުގެ އިއްތިޙާދުގެ (އީޔޫ) މެންބަރު ޤައުމުތަކުގެ ވެރިން ވެސް ބައިވެރިވެއެވެ. މިއީ ނޭޓޯއިން ބައިނަލްއަޤުވާމީ ގުޅުންތައް ވަރުގަދަކުރަން ކުރާ މަސައްކަތުގެ ހެއްކެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. މި މަހާސިންތާއިން އެނގެނީ ނޭޓޯގެ މުސްތަޤުބަލު ބައްޓަންވަނީ ހަމައެކަނި އަސްކަރީ ޚަރަދުތަކުން ނޫން ކަމަށާއި، އަންކަރާގައި މި ހަފުތާގައި ފެނިގެންދާ ފަދަ ވަރުގަދަ ޚާރިޖީ ސިޔާސަތާއި ބައިނަލްއަޤުވާމީ ސިޔާސީ މަސްރަޙުގެ ހަޤީޤަތްތަކުގެ މައްޗަށް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.