ފަލަސްޠީނުގެ ނަސްލުހޭދަކުރަން ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން، ގަސްތުގައި ފެން ލިބުން ދަތިކޮށް، ފަލަސްޠީނުގެ ރައްޔިތުން ފެނަށް ޖައްސަމުންދާކަމަށް މާހިރުން ވިދާޅުވެއްޖެއެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ކޮންޓްރޯލް ދެމެހެއްޓުމަށް، ފެން ލިބުން ދަތިކުރުމަކީ ޒަމާނުއްސުރެ ޔަހޫދީން ބޭނުންކުރަމުން އަންނަ އުކުޅެކެވެ.
ނަމަވެސް، 7 އޮކްޓޯބަރު 2023ގައި ޣައްޒާގެ ޢުދުވާނު ފެށިފަހުން، ޔަހޫދީން ދަނީ ޣައްޒާގައި ފެން ލިބުން ދަތިކުރުމަށްޓަކައި، ޣައްޒާގައި ފެން އުފައްދާ ވަޞީލަތްތަކާއި ފެން އެތެރެކުރުމަށް ވެސް ހުރަސްއަޅަމުންނެވެ.
އެކަމުގެ ސަބަބުން، ސާފު ބޯފެން ނުލިބި، ޣައްޒާގައި ބަލިތައް ފެތުރުން ވެސް އިންތިހާއަށް އިތުރުވެފައިވާކަމަށް މާހިރުން ވިދާޅުވެއެވެ.
ޣައްޒާގެ އިތުރުން، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ވެސް ފަލަސްޠީނުގެ ރައްޔިތުންނަށް ފެން ލިބުން ޔަހޫދީން ވަނީ ތާށިކޮށްފައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނާ ގޮތުގައި، އިންސާނަކު ދިރިހުރުމަށްޓަކައި ބޯފެނާއި، ގައިންތާހިރުވުމަށާއި އަންނައުނު ދޮވުން ފަދަ ޒަރޫރީ ބޭނުންތަކަށް ދުވާލަކު 15 ލީޓަރުގެ ފެން ބޭނުންވެއެވެ.
ނަމަވެސް، ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ދުވާލެއްގެ މައްޗަށް ލިބެނީ 1.5 ލީޓަރާއި 3 ލީޓަރުގެ ފެން ކަމަށް އދގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިއީ އިންސާނަކު ދިރިހުރުމަށްޓަކައި ފެން ބޭނުންވާކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ އެންމެ އަސާސީ މިންގަނޑުގެ ވެސް އެންމެ 20 އިންސައްތައެވެ.
އެއާ އެކު، ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ 70 އިންސައްތަ މީހުން ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން މަޖުބޫރުވެފައިވާކަމަށް މާހިރުން ވިދާޅުވެފައިވެއެވެ.
އެކަމުގެ ސަބަބުން، ތަޣައްޔަރުވެފައިވާ ފެނުގެ ޒަރިއްޔާއިން ފެތުރޭ ކޮލެރާ، އާއި ބޭރަށް ހިންގުން ފަދަ ބަލިތައް، ބަލިމަޑުކަމެއްގެ ގޮތުގައި ފެތުރެމުންދާކަމަށް ވެސް މާހިރުން ވަނީ ވިދާޅުވެފައެވެ.