ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތައް އަރައިނުގަތުމަށް އިލްތިމާސްކޮށްފި


  • މިފަދަ ކަންކަން ޢާއްމުވުމަކީ އެފަރާތްތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް

  • އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެފަރާތްތަކަށް ލިބޭ ޙައްޤެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެކަހެރިވާ ފަދަ ޢަމަލުތައް މީސްމީޑިއާގައި ދައުރުވުމަކީ، ޝާމިލް މުޖުތަމައެއް ބިނާކުރުމަށް އެޅޭ ހުރަހެއް ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސިއްޙަތާއިބެހޭ ވުޒާރާއިން މިހެން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތް ރައްދުވާ ފަދަ މޭރުމަކުން ސޯޝަލް މީޑިއާގައި ކޮމެންޓުތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.

ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޮޓޯއާއި، ވީޑިއޯ ފަދަ ފޯސްޓުތަކަށް އާންމުންގެ ބައެއް ފަރާތްތަކުން މަލާމާތް ރައްދުވާ ފަދަ ބަހުރުވައަކުން ފާޑުކިޔަމުންދާތީ އެ ވުޒާރާއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ރާއްޖެއިން ބައިވެރިވެފައިވާ އެންމެހާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި، ގާނޫނު އަސާސީގެ 36ވަނަ މާއްދާއިން ޚާއްސަ ރައްކާތެރިކަމެއް ލިބިގެންވާ ފަރާތްތަކެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އިޚްތިރާމް ކުރުމާއި، އަމިއްލަވަންތަކަމާއި، އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެ ފަރާތްތަކަށް ލިބިގެންވާ ޙައްްޤެކެވެ.

ސިއްޙަތާއިބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި ފުރައްސާރަ ރައްދުވާ ފަދަ ބަހުރުވަ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުން ކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާ ފަދަ މުޖުތަމައެއް ބިނާކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ.

އަދި މިފަދަ ކަންކަން މުޖުތަމައުގައި އާންމުވެގެން ދިއުމަކީ މިފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާތަކަށް އެކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން އިޖުތިމާޢީ ހަރަކާތްތަކުގައި އެފަރާތްތަކުގެ ބައިވެރިވުމަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމެއްގެ ގޮތުގައި ސިއްޙަތާއިބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަދި މަލާމާތް ރައްދުވާ ފަދަ މޭރުމަކުން ސޯޝަލް މީޑިއާގައި ކޮމެންޓުތަކެއް އާންމުވެފައިވާތީ، އެ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށް އެފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށް ގޮވާލައްވާފައެވެ.

އަދި އެފަރާތްތަކުގެ ހައްޤުތައް ކަށަވަރު ކުރުމަށް ދައުލަތުން ކުރާ މަސައްކަތުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.