ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފަހު 16 ޓީމުގެ ބުރުގައި އަޒްޓެކާ ސްޓޭޑިއަމްގައި މެކްސިކޯ އާއި ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ގިނަ ބަޔަކު ޝައުގުވެރިކުރުވާނެ ފާހަގަ ކޮށްލެވޭ މެޗަކަށް ކަމަށް އިންގްލަންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ 32 ޓީމުގެ ބުރުގައި ޑީއާރު ކޮންގޯ އާއި ބައްދަލުކޮށް ފަހަތުން އަރާ 2 ދެ ލަނޑު އެއް ލަނޑުން އިންގްލަންޑް މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ޓުޗެލް ބުނީ މިކުރިމަތިލުމަކީ މިމުބާރާތުގައި މިހާތަނަށް ފެނިގެންދާ އެންމެ ރީތި ކުރި ކުރިމަތިލުމަށް ވެގެން ހިނގައިދާނެ ކަަމަށެވެ.
ނަމަވެސް މިމެޗުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ. ނަމަވެސް މިހުރިހާ ކަމަކަށް އެޓީމުން ތައްޔާރު ވާނެކަމަށާއި މިވަރުގެ މެޗަކަށް އިންގްލަންޑް ތައްޔާރަށް އޮތް ކަމަށް ޓުޗެލް ބުންޏެވެ. އަދި މިއީ މިފަހަރުގެ ވޯލްޑް ކަޕަށް މިޓީމު ރަނގަޅަށް ތައްޔާުރު ވެފައިވާކަން ބެލުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.
އިންގްލަންޑާއި ކޮންގޯ ބައްދަލުކުރި މެޗުގެ ކުރީކޮޅު ކޮންގޯއިން ލަނޑެއް ޖަހާ ލީޑު ނެގި ނަމަވެސް ޓުޗެލްވަނީ އޭނާ ގެންގުޅޭ ގޮތްތަކަށް ބަދަލު ގެއްނަން މެޗުގެ ތެރޭގައި އެއްވެސް ވަރަކަށް ނުވިސްނާކަމުގައި ބުނެފައެވެ. ނަމަވެސް މެޗުގެ ކުރީކޮޅު ބައިކޮޅަށް ލަނޑެއް ވަނުމުން އުނދަގޫވިކަމަށާއި މިގޮތުން ފުރަތަމަ ވިއްސަކަށް މިނެޓް އެޓީމަށް އެންމެ ރަނގަޅަށް ނުކުޅެވުނު ކަމަށް ޓުކެލް ހާމަކުރިއެވެ. ނަމަވެސް ވިއްސަކަށް މިނެޓް ފަހުން މެޗުގައި ރަނގަޅަށް ކުޅެފައިވަނީ އިންގްލަންޑް އިން ކަމަށްވެސް ޓުޗެލް ބުންޏެވެ.
ގިނަ ހަމަލާތަކެއް އުފެއްދުނު އިރު ކޮންގޯގެ ކީޕަރ ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައިކަމަށްވެސް އިންގްލަންޑްގެ ކޯޗު ބުންޏެވެ. އަދި މިއަދު އެންމެ އުފާވީ އޭނާގެ ކުޅުންތެރިން ބަލި ގަބޫލް ކުރަން ބޭނުން ނުވެ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް މެޗުގައި ލީޑު ނެގުމަށް މަސައްކަތް ކުރުމުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކޮންގޯގެ ކޯޗު ސެބަސްޓިއަން ޑިސަބްރޭ ބުނީ މެޗުގެ ނަތީޖާ ނިކުން ގޮތުން ކުޑަކޮށް ދެރަވި ކަމަށާއި ހާއްސަކޮށް ފުރަތަަމަ ހާފުގައި ދެއްކި މޮޅު ކުޅުމަށްފަހު ބަލިވުމުން ކަމަށެވެ. މިމުބާރާތުގައި ކޮންގޯއިން ދެއްކި ކުޅުމާއި އެކު ކޮންގޯގެ ފުޓްބޯޅަ އިތުރު ހަރުފަތެއް ކުރިއަށް ޖެހިލައިފިކަން އެނގިގެން ދާނެކަމަށެވެ.
ވޯލްޑް މުބާރާތަށް އަލްވަދާއު ކިޔަން ޖެހުމުން ދެރަވާ ކަމަށާއި ހަމައެއާއެކު މިފަހަރުގެ މުބާރާތުގައި ކޮންގޯއަށް ވުރެ ރޭންކިންގ ގެގޮތުން ކުރީގައި އުޅޭ ހަތަރު ޤައުމަކާއި ދެކޮޅަށް ވާދަވެރި ކުޅުމެއް ދެއްކިފައިވާ ކަމަށް ޑިސާބްރޭ ނުންޏެވެ.