ދީނީ ދާއިރާގެ ކޮންމެ ކަމެއްގައިވެސް ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިސްމާޢީލް މުޙައްމަދުގެ ހިއްސާއޮތް ކަމަށް އިސްލާމީ ކަންތައްތަކާއި އަޢުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިސްމާޢީލް މުޙައްމަދުގެ ހަނދާނުގައި ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިފޯރަމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާއި އަޢުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ވަޒީރު ތަޢުލީމް ހާސިލްކުރައްވަން އުޅުއްވިއިރު އެކި ގޮތްގޮތުން ޝައިޚުގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންނެވިކަމަށެވެ. އަދި ރަސްމީ މަސައްކަތުގެ ބޭރުން ގެންދާ ކޮންމެ ކަމެއްގައިވެސް ޝައިޚުގެ ވަރަށް ބޮޑު ހިއްސާއެއް އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޢިލްމީ އަދި ދީނީ ދާއިރާއަށް ނަޞްރު ހުރި ކޮންމެ ކަމެއްގައި ހިއްސާއެއް އެބައޮތް. ދީނީ މަސައްކަތްތަކަށް ހިތްވަރު ދެއްވާ. ތަފްސީރު ނިމިފައިވަނީ. މުރާޖަޢާ ކުރަމުންދަނީ. ފުރަތަމަ ޗާޕް ނެރުމަށް މިދަނީ މަސައްކަތް ކުރަމުން." އިސްލާމީ ކަންތައްތަކާ އަޢުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
މިފޯރަމްގައި ވާހަކަދައްކަވަމުން ޝައިޚް ޢަބްދުލް ލަޠީފް ވަނީ މިހާރު ރާއްޖޭގައި މިނިވަންކަމާއެކު ދީން އުނގަންނައިދިނުމުގެ ފުރުޞަތު ލިބިގެންދަނީ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިސްމާޢީލް މުޙައްމަދުގެ ހިއްސާއޮވެގެން ކުރެއްވި މަސައްކަތުންކަމަށެވެ.
"ތިފަދަ ކުދިން ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް ބޭނުން ޖެހިފައޭ. ތިއިން ކޮންމެ ކުއްޖަކުވެސް ކޮންމެ ރަށެއް އަލިކުރާ ދަންމަރަކަށް ވެގެންވާނޭ. ގުޅިގެން ކުރެއްވި މަސައްކަތަށް ވަރަށް އުފާކުރަން." ޝައިޚް ޢަބްދުލް ލަޠީފް ވިދާޅުވިއެވެ.
ޑރ. މުޙައްމަދު ޤުބާދު އަބޫބަކުރުވެސް ވަނީ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިސްމާޢީލް މުޙައްމަދު ދިވެހި ކުދިން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކިޔަވައިދިނުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ޝައިޚަކީ ދިވެހި މުޖުތަމަޢަށް ހަނދާން ނުނެތޭނެފަދަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ޑރ. ޤުބާދު ފާހަގަކުރެއްވިއެވެ.
" ޝައިޚަކީ މުރައްބީއެއް، ޝައިޚަކީ ޢިލްމުވެރިއެއް. ޢަރަބި ބަހުގެ އަސާސީ ތަޢުލީމްވެސް ފެށިގެން ދިޔައީ ޝައިޚްގެ ކިބައިން." ޑރ. މުޙައްމަދު ޤުބާދު އަބޫބަކުރު ވިދާޅުވިއެވެ.
ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ އެމަނިކުފާނަށް ދީނީ ގޮތުން ތަރުބިއްޔަތެއް ލިބުނީ ޝައިޚު އިސްމާޢީލް މުޙައްމަދުގެ ފަރާތްޕުޅުންކަމަށެވެ. އަދި ޝައިޚު އިސްމާޢީލް ދެއްކެވި ހެޔޮ ނަމޫނާ ބަލައިގަނެ އެގޮތުގައި މަސައްކަތް ކުރުމަށް މިހާރުގެ ދީނީ ޢިލްމުވެރިންނަށް އިލްތިމާސްކުރެއްވިއެވެ.
"އޭރުން އަޅުގަނޑުމެންގެ ފަރާތުންވެސް އެފަދަ މީހުންތަކެއްވެސް ނުކުމެގެން އަންނާނެ. މުޖުތަމަޢަށް މިހާރަށް ވުރެ ބޮޑު ބަދަލެއް އަންނާނެ." ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވިއެވެ.
ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރެއްވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ފުރަތަމަ ދިވެހި ދަރިވަރެވެ. އެޔުނިވަރސިޓީގައި ކިޔަވާ ވިދާޅުވީ، ކުއްލިއްޔަތުއް ދަޢުވާ ވަލް އުސޫލުއްދީންގައެވެ. އަދި ހަމަ އެއަހަރު ޓީޗިން މެތަޑޮލޮޖީއިން އެޔުނިވަރސިޓީންވަނީ އިތުރު ކޯހެއްވެސް ފުރިހަމަ ކުރައްވާފައެވެ.
ޝައިޚްގެ އެހީތެރިކަމާއެކު 100 އަށްވުރެ ގިނަ ދިވެހި ދަރިވަރުންނަށް ޕާކިސްތާނުގައި ތަޢުލީމު ޙާސިލުކުރުމުގެ ފުރުސަތުވަނީ ފަހިކޮށްދެއްވާފައެވެ. މީގެތެރޭގައި ރާއްޖޭގައި މިވަގުތު މަސައްކަތް ކުރައްވަމުންގެންދަވާ ދީނީ ގިނަ ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.
ޢިލްމު ފެތުރުއްވުމުގައި ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދުވަނީ ބައި ޤަރުނަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވަނީ ލިބިވަޑައިގެންފައެވެ.
ފަޟީލަތުއްޝައިޚް އަލްމަރްހޫމް އިސްމާއިލް މުހައްމަދުގެ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް އަރުވާފަައިވަނީވެސް އެމަނިކުފާނަށެވެ. ޑޮކްޓަރޭޓްގެ ޝަރަފު އެރުވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިންނެވެ.