ޚަބަރު

ނިއުރޭޑިއަންޓާއި މާޒިޔާގެ ކުރިމަތިލުން އެއްވަރު


  • މެޗު އެއްވަރުވީ 3-3 އިން

  • ހަތަރު ޕޮއިންޓާއެކު މާޒިޔާ އޮތީ އެއްވަނައިގައި

  • ނިއުއަށް ދެ މެޗުން ލިބެނީ ދެ ޕޮއިންޓު

އެފްއޭއެމް ޔޫތު ޗެމްޕިއަންޝުގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ފުރަތަމަ 19 މިނެޓުގެ ތެރޭގައި މާޒިޔާއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގައި އެ ޓީމުން ޖެހި ފުރަތަމަ ލަނޑު، މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނައްސާޙް އިބްރާޙީމް ނާސިރެވެ.

މާޒިޔާގެ ދެވަނަ ލަނޑު، މެޗުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އައިދު މުޙައްމަދު ޖަވީޒެވެ.

މާޒިޔާއިން ދެވަނަ ލަނޑުޖެހިތާ މިނެޓެއްފަހުން، މެޗުގެ 20 ވަނަ މިނެޓުގައި އާކިފް ބިން މުޙައްމަދުގެ ލަނޑުން ނިއުރޭޑިއަންޓުން ފަރަގު ކުޑަކުރިއެވެ. އަދި މެޗުގައި ފުރަތަމަ ފަހަރަށް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު، މެޗުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާޙީމް އަރުޝާން ނާޝިދުއެވެ.

މި ނަތީޖާއިން މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް، މާޒިޔާއަށް ދެވަނަ ފަހަރަށް މެޗުގައި ލީޑުނަގައިދީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ އަނޫފް އަބްދުﷲ އެވެ. އޭނާ މި ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ.

މެޗުގައި ނިއުއަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދީ، މި މެޗުން ޕޮއިންޓެއް އެ ޓީމަށް ކަށަވަރުކޮށްދިން ލަނޑު، 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒާކީ މުޖުތަބާ ޒާހިރެވެ.

މާޒިޔާއާއި ނިއުގެ ކުރިމަތިލުން އެއްވަރުވެފައިވާއިރު މިއީ މި ދެ ޓީމުންވެސް މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޓީސީ ސްޕޯޓްސްގެ މައްޗަށް 0-8 އިން ކުރިހޯދާފައެވެ. ނިއުގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ ވީ އެއްވަރެވެ.